ފޯޅަވަހި ހޯދަން މަސައްކަތް ކުރާތީ މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލައިފި

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 00:31
މޮރޮޝަސްގެ ރައީސް ދަރަމްބީރު ގޮކޫލް (ކ)، އަދި ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު (ވ).
މޮރޮޝަސްގެ ރައީސް ދަރަމްބީރު ގޮކޫލް (ކ)، އަދި ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު (ވ).
ޚުލާސާ

މޮރިޝަސް އިން ކުއްލި ގޮތަކަށް ގުޅުން ކަނޑާލި ނަމަވެސް ދިވެހި ސަރުކާރުން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވޭ.

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި (ޗާގޯސް) އަކީ ދިވެހިރާއްޖެއަށް ހައްގުކަން ބޮޑު ތަނެއް ކަމަށް ބުނެ، އެ ސަރަހައްދު އަލުން ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، މޮރިޝަސް އިން ރާއްޖެއާ އޮތް ސިޔާސީ ގުޅުން ކަނޑާލައިފި އެވެ. މި ނިންމުން ނިންމާފައިވަނީ މޮރިޝަސްގެ ރައީސް ދަރަމްބީރު ގޮކޫލް ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ގެންދަވަނީ ފޯޅަވަހި އަލުން އަނބުރާ ރާއްޖެއަށް ހޯއްދެވުމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ކުރި ހުކުމް މުރާޖައާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިޓްލޮސް އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އުނިވާ ގޮތަށް ކުރި ހުކުމުގައި ރިއާޔަތްކުރި އެންމެ މުހިންމު ހެއްކަކީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2022 ވަނަ އަހަރު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އެވެ. އެ ސިޓީގައި 1992 އިން ފެށިގެން ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖެއިން ގެންގުޅުނު ހަރުދަނާ ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، އެއީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ގަބޫލުކުރާކަން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ދެކޭގޮތުގައި މިއީ ދިވެހި ދައުލަތުގެ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެކެވެ.

ތާރީހީ ހެކިތަކަށް ބަލާއިރު، މޮރިޝަސްގައި އިންސާނުން ވަޒަންވެރިވުމުގެ އެތައް ގަރުނެއް ކުރިން، 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލުންގެ ފަތްކޮޅުތަކުން އެ ސަރަހައްދުގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު ހިނގާކަން ސާބިތުވެ އެވެ. އަދި ފޯޅަވަހީގެ ރަށްތަކުން ފެނިފައިވާ 900 އަހަރަށްވުރެ ގިނަ ދުވަސްވީ މަހާނަގާތަކުގައި ދިވެހި ބަހުން ލިޔެފައި ހުރުމަކީ އެތަނަކީ ޒަމާނުއްސުރެ ދިވެހިންގެ ހަރަކާތްތައް އޮތް ތަނެއްކަމުގެ ދިރިހުރި ހެއްކެކެވެ.

ޖިއޮގްރަފީ ގޮތުން ބަލާއިރު ވެސް، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސްއާ ފޯޅަވަހި އޮންނަނީ 1,300 މޭލު ދުރުގަ އެވެ. ނަމަވެސް، ވެރިރަށް މާލެއާ އެތަނާ ދެމެދު ހުރީ އެންމެ 310 މޭލެވެ. މި ހަގީގަތްތަކަށް ރިއާޔަތްކުރައްވައި ރައީސް ޑރ. މުއިއްޒު ވަނީ ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށްވުރެ ބޮޑަށް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވެފަ އެވެ.

މޮރިޝަސް އިން ކުއްލި ގޮތަކަށް ގުޅުން ކަނޑާލި ނަމަވެސް ދިވެހި ސަރުކާރުން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%