ވޭމްޕަޔަ ހޮރޯ ފިލްމު "ސިނާސް" އިން އޮސްކާ އެވޯޑުގެ 16 ނޮމިނޭޝަން ހޯދައި، އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފިލްމުގެ ރެކޯޑު މުގުރާލައިފި އެވެ. މިއީ މުޅި އޮސްކާގެ ތާރީހުގައިވެސް އެއް ފިލްމަކަށް މިހާ ގިނަ އަދަދަކަށް ނޮމިނޭޝަން ލިބުނު ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އޮސްކާގައި އެންމެ ގިނަ ނޮމިނޭޝަން ލިބުމުގެ ރެކޯޑު އޮތީ 14 ނޮމިނޭޝަން ހޯދި ފިލްމުތަކަށެވެ. "ސިނާސް" އިން މި ރެކޯޑު އާކުރިއިރު، މި އަހަރު އެ ފިލްމާ އެންމެ ގާތުން ވާދަކުރަނީ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯގެ ތުރިލާ ފިލްމު "ވަން ބެޓްލް އާފްޓާ އެނަދާ" އެވެ. އެ ފިލްމަށް ލިބިފައިވަނީ 13 ނޮމިނޭޝަނެވެ.
"ސިނާސް" އިން އެވޯޑަށް ނޮމިނޭޓްވި ތަރިންގެ ތެރޭގައި ފިލްމުގެ މައި ދައުރު އަދާކުރި މައިކަލް ބީ. ޖޯޑަން ހިމެނެ އެވެ. އޭގެ އިތުރުން އިނގިރޭސި ތަރިން ކަމަށްވާ ވުންމީ މޮސާކޫ އަދި ޑެލްރޯއީ ލިންޑޯ ވެސް ވަނީ މި ފިލްމުން އެކްޓިން ކެޓަގަރީތަކުން ނޮމިނޭޓްވެފަ އެވެ.
މި ފަހަރުގެ އެވޯޑަށް ވާދަކުރާ އެހެން މަޝްހޫރު ތަރިންނަށް ބަލާއިރު، ތިންވަނަ ފަހަރަށް ނޮމިނޭޝަން ކާމިޔާބުކުރި ޓިމޮތީ ޝަލަމޭ ފާހަގަކޮށްލެވެ އެވެ. އަދި "ހެމްނެޓް" އިން އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދާނެ ކަމަށް ބޮޑަށް ބެލެވޭ އަޔާލޭންޑްގެ ބަތަލާ ޖެސީ ބަކްލީ ވެސް ވަނީ ނޮމިނޭޝަން ކާމިޔާބުކޮށްފަ އެވެ.
ނަމަވެސް، މި ފަހަރުގެ ނޮމިނޭޝަންތަކާއެކު ބައެއް ބޮޑެތި ތަރިންނަށް ވަނީ މާޔޫސްކަން ކުރިމަތިވެފަ އެވެ. އެގޮތުން "ހެމްނެޓް" ގައި ވިލިއަމް ޝޭކްސްޕިއަރުގެ ރޯލު ކުޅުނު ޕޯލް މެސްކަލް އަށް މި ފަހަރު ނޮމިނޭޝަނެއް ލިބިފައެއް ނުވެ އެވެ. އަދި ބޮޑު އުންމީދެއް ކުރެވުނު "ވިކެޑް: ފޯ ގުޑް" އާއި އެ ފިލްމުގެ ތަރިން ކަމަށްވާ ސިންތިއާ އެރީވޯ އަދި އަރިއާނާ ގްރާންޑޭ އަށް ވެސް އެއްވެސް ނޮމިނޭޝަނެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.
ދުނިޔޭގެ ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާ އެވޯޑު ދިނުމުގެ ކުލަގަދަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ހޮލީވުޑްގަ އެވެ. މި ރަސްމިއްޔާތުގައި "ސިނާސް" އިން ކާމިޔާބުކުރާނީ ކިތައް އެވޯޑުތޯ ބެލުމަށް ގިނަ ބަޔަކު މިހާރު ތިބީ ކެތްމަދުވެފަ އެވެ.






