މަޝްހޫރު ކުރެހުންތެރިޔާ ހުސެއިން އަލިމަނިކުގެ ކުރެހުންތައް ދައްކާލުމަށް ބާއްވާ "ވިވިޑް ރިއަލިޒަމް - މައި ޖާނީ ތްރޫ ދަ ކަލާސް އޮފް ނޭޗާ" އެގްޒިބިޝަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
މި އެގްޒިބިޝަނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފޮތް ފަސްޓް ލޭޑީ ނެރެދެއްވާފައިވާއިރު، އެކަމަނާ ވަނީ އެގްޒިބިޝަންގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލައްވައި، ކުރެހުންތެރިޔާގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ދައުލަތުގެ އިސްވެރިންގެ އިތުރުން ފަންނުވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެގްޒިބިޝަން އިންތިޒާމުކުރާ ފަރާތުން ބުނިގޮތުގައި، ހުސެއިން އަލިމަނިކުގެ މި މަސައްކަތްތަކުން ދިވެހި ސަގާފަތާއި، ތާރީހު އަދި ދިވެހިވަންތަކަން ވަރަށް ފުރިހަމައަށް ފެނިގެންދާނެ އެވެ. އަދި ކޮންމެ ކުރެހުމަކުންވެސް ރަމްޒުކޮށްދެނީ ގައުމީ ރޫހުކަން އެ ފަރާތުން ފާހަގަކުރެ އެވެ.
"ވިވިޑް ރިއަލިޒަމް" އެގްޒިބިޝަންގައި ޖުމްލަ 15 އާޓްވޯކެއް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 7 ޑިޖިޓަލް އާޓްވޯކާއި 7 އޮއިލް ޕެއިންޓިން އެވެ.
މި މަހުގެ 23 އިން 30 އަށް ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ މި އެގްޒިބިޝަން ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް މި އެގްޒިބިޝަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.






