ޕާކިސްތާނު އަލިފާން: މަރުވި މީހުންގެ އަދަދު 140 އަށް އަރާފާނެ

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 22 ޖެނުއަރީ 2026 22:12
ކަރާޗީގައި ހުންނަ ގުލް ޕްލާޒާ މޯލްގައި އަލިފާން ރޯވުން - މަރުވި މީހުންގެ އަދަދު 140 އަރާފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނޭ
ކަރާޗީގައި ހުންނަ ގުލް ޕްލާޒާ މޯލްގައި އަލިފާން ރޯވުން - މަރުވި މީހުންގެ އަދަދު 140 އަރާފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނޭ
ޚުލާސާ

61 މީހުން މަރުވެ 88 މީހުން ގެއްލިފައިވާއިރު، މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލުގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ދިނުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ނިންމާފަ.

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ގުލް ޕްލާޒާ މޯލްގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 60 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ޕާކިސްތާނު މަސްދަރުތަކުން ބުނާ ގޮތުގައި އެއް ފިހާރައިން އެކަނި ވެސް މަރުވެފައިވާ 30 މީހުންގެ ހަށިގަނޑު ފެނިފައިވެއެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދު 61 އަށް އަރާފައިވާ ކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށާއި އަދިވެސް 88 މީހަކު ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާއި ޙަވާލާދީ ޕާކިސްތާނު މަސްދަރުތަކުން ބުނެއެވެ.

ޝޮޕިންގމޯލް ގައި އަލިފާން ރޯވެފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. ގާތްގަނޑަކަށް 1،200 ފިހާރަ ހުންނަ މި މޯލުގައި ރޯވި އަލިފާން ނިއްވަން 24 ގަޑިއިރު ހޭދަވިއެވެ.

މި ހާދިސާ އަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.

ގެއްލިފައި މީހުން އިމާރާތުގެ ތެރޭގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނާއިރު، މަރުވި މީހުންގެ ޖުމްލަ ޢަދަދު ކުރިއަށް އޮތް ތަނުގައި އަދި ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި އަލިފާނުގެ ހަދިސާ ހިނގަން މެދުވެރިވީ ކަރަންޓުގެ މައްސަލައެއް ދިމާވެގެން ކަމަށް ބެލެވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލުގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ދިނުމަށް، ކަރާޗީ އޮންނަ ސިންދު ޕްރޮވިންސުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%