ޣައްޒާ އަށް ހަމަޖެހުން ގެނައުމަށް އެކުލަވައިލި ބޯޑުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން ދަޢުވަތު ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޤަބޫލު ކޮށްފިއެވެ. އޭނާ އަކީ ޣައްޒާގެ 70,000 އާއި 100,000 އާއި ދެމެދުގެ ރައްޔިތުންގެ ޤާތިލެވެ. ޣައްޒާގެ 'ބޯޑް އޮފް ޕީސް'ގައި އޭނާ ބައިވެރިވާން ނިންމި އިރު މި ބޯޑަކީ އޭނާ ދެން އަރައިގަންނަން މަސައްކަތް ކުރަމުންދާ ލުބުނާނާއި، ސިނާޢީ ސަރަޙައްދު ކަމަށްވާ މިޞްރާއި ޣިރާޤު ފަދަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މައްސަލަތައް ޙައްލު ކުރުމަށް ކަމަށް ބުނެ ޓްރަމްޕުގެ އިސްނެގުމަށް އުފައްދާ ބޯޑެކެވެ.

އިސްރާއީލުން ލުބުނާނަށް ބޮން އަޅާފައި - އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ “ބޯޑް އޮފް ޕީސް”ގައި ބައިވެރިވުމަށް އެމެރިކާއިން ހުށަހެޅުމުން އެކަން ޤަބޫލުކޮށްފަ. ލުބުނާނުގެ ބިން ފޭރިގަތުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރޭ.
ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދުނިޔޭގެ ޞުލްޙަ ޤާއިމް ކުރުމަށްޓަކައި އުފައްދާފައި އޮތް ޖަމާޢަތަކީ ޔުނައިޓެޑް ނޭޝަންސް ކަމަށް ވެފައި، މި ފަހަކަށް އައިސް ބައްރު ތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް އދ. އަކަށް ޙައްލެއް ނުކުރެވެއެވެ. ވީޓޯގެ ބާރުގެ ސަބަބުންނެވެ. އެހެންކަމުން، ޓްރަމްޕުގެ އިސްނެގުމަށް އެކުލަވާލާ މި “ޕީސް” ބޯޑަކީ އދ. ގެ ބާރުތައް ކަނޑުވާލާ، އަދި އދ. ގެ ޗާޓަރުތަކާއި ވެސް މުޅިން ޚިލާފު، އަދި ކިއެއްތަ، އދ. ގެ މައްޗަށް ނުފޫޒު ފޯރުވަފާނެ ޖަމާޢަތަކަށް ވެދާނެއެވެ.
ޓްރަމްޕް ވަނީ މި ބޯޑާއި ގުޅުމަށް ޖުމްލަ 60 ޤައުމެއްގައި އެދިފައެވެ. އޭގެތެރޭގައި އީރާނާއި ނޯތުކޮރެއާ ފަދަ މަދު ޤައުމެއް ފިޔަވައި ދުނިޔޭގެ ބާރު ގަދަ ހުރިހާ ޤައުމެއް ހެން ހިމެނެއެވެ. އެ ބާރުތައް މި ބޯޑާއި ގުޅިއްޖެ ނަމަ މިއީ ކުދި ޤައުމުތައް “އިސްތިޢުމާރު” ކޮށްލާނެ ބޯޑަކަށް ވެދާނެއެވެ.
އިއްޔެ (21 ޖަނަވަރީ2026) އާއި ހަމަޔަށް ގާތްގަނޑަކަށް 30 ޤައުމަކުން ބޯޑް އޮފް ޕީސް”ގައި ބައިވެރިވާނެ ކަމަށް އެމެރިކާ އިން ލަފާ ކުރި އިރު، ޓްރަމްޕުގެ ދަޢުވަތު ރަސްމީކޮށް ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ސައުދީ ޢަރަބިއްޔާ، ތުރުކިޔޭ، މިޞްރު، ޖޯޑަން، އިންޑޮނޭޝިއާ، ޕާކިސްތާން، ޤަޠަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އާޖެންޓީނާ، އަރްމީނިއާ، އަޒަރުބައިޖާން، ބަޚްރައިން، ބެލަރޫސް، ހަންގޭރީ، ކަޒަކިސްތާން، ކޮސޯވޯ، ވިއެޓްނާމް އަދި މޮރޮކޯ ހިމެނެއެވެ.
މިއާއި ޚިލާފަށް ހުޅަނގު ޔޫރަޕްގެ ބައެއް ޤައުމުތަކުން ވަނީ މިއީ އދ.ގެ ޗާޓަރާއި ފުށުއަރާ ކަމެއް ކަމަށް ބުނެ މި ބޯޑާއި ގުޅެން ދެކޮޅު ހަދާފައެވެ. އޭގެތެރޭގައި ފްރާންސް، ނޯވޭ އަދި ސްވިޑެން ފާހަގަ ކޮށްލެވެއެވެ.
މި ބޯޑާއި ގުޅުމަށް ބާރާއި ނުފޫޒު ގަދަ އެތައް ޤައުމެއް ވަކި ގޮތެއް އަދި ނިންމާފައި ނުވާ އިރު އޭގެ ތެރޭގައި ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް، ޖަރުމަނު، އިޓަލީ، ޕެރަގުއޭ، ސިންގަޕޫރު، ސްލޮވޭނިއާ އަދި ޔޫކްރޭން ހިމެނެއެވެ. އެ ހުރިހާ ޤައުމަކަށް ވެސް ވަނީ ބޯޑުގައި ބައިވެރިވުމަށް ޓްރަމްޕުގެ ދަޢުވަތު ލިބިފައެވެ.
ފްރާންސުން ބުނީ އެމެރިކާގެ ވިސްނުން ހުރީ މުޅި ދުނިޔޭގައި ވެރިކަން ކުރުމަށް ކަމަށާއި މި ޖަމާޢަތާއި ގުޅެން ބޭނުން ނުވާ ކަމަށެވެ. މިކަމާއި ގުޅިގެން ޓްރަމްޕް މިހާރު ގެންދަވަނީ ފްރާންސަށް ބިރު ދައްކަމުންނެވެ. އެގޮތުން ފްރާންސުގެ ރަލުގެ ބާވަތްތަކުން 200 ޕަސެންޓް ޓެރިފް ނަގައިގެން ވެސް މި ބޯޑުގައި ފުރާންސަށް ބައިވެރިވާން މަޖުބޫރު ކުރުވާނެ ކަމަށް ބުނެ ޓްރަމްޕް ވަނީ ބުނެފައެވެ.
"ބޯޑާ އޮފް ޕީސް" ގައި މޮރޮކޯ އާއި އަބޫދާބީ ފަދަ އަރަބި މުސްލިމު ޤައުމުތަކުން ބައިވެރިވާ އިރު، ބޯޑުގެ ދާއިމީ މެންބަރުކަމަކީ ވިޔަފާރި އުޞޫލުން އޮތް ކަމެކެވެ. އެމެރިކާ އަށް 1 ބިލިއަން ޑޮލަރު ދޭން އެއްބަސްވާ ކޮންމެ ޤައުމަކުން މި ބޯޑުގެ ދާއިމީ މެންބަރަކަށް ވެވޭނެއެވެ. 1 ބިލިއަން ޑޮލަރު ނުދޭނަމަ ތިންއަހަރު ފަހުން ބޯޑުން އިސްތިއުފާ ދޭން ޖެހޭނެއެވެ. ކޮންމެ ޤައުމަކުން ވެސް ބޯޑު ތަމްސީލުކުރާނީ އެކެކެވެ.
ޣައްޒާގެ މައްސަލަ ޙައްލު ކުރުމަށް ނެގި ތަންފީޒީ ކައުންސިލް ވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ. ފަލަސްޠީނުގެ މީހަކު އެ ބޯޑަށް ލާފައި ނުވެއެވެ. އެ ކޮމެޓީގައި ޔޫއޭއީ، މިޞްރު، ޤަޠަރު، އަދި ތުރްކިޔޭ މި ތިންޤައުމުން ކުރެ ކޮންމެ ޤައުމަކުން މަންދޫބަކު ހިމެނޭ އިރު، ޕީސް ބޯޑާއި އެކު ދެން އެޖެންޑަ ކޮށްފައި އޮތް އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ، ފަލަސްޠީނުގެ މިނިވަންކަމަށް މިހާ ދުވަހު ޖިހާދު ކުރި ޙަމާސްގެ ހަތިޔާރުތައް އަތުލައި އިސްރާއީލަށް ހަމަޖެހުން ގެނެސްދިނުމެވެ.
އެހެންކަމުން އެމެރިކާ އިން މި ކުރަން އުޅޭ ކަމާއި، ދުނިޔެއަށް ދައްކަން މި އުޅެނީ ކޮން މަންޒަރެއް ކަމާއި މެދު ބޮޑެތި ސުވާލު ތައް އުފެދެއެވެ. ޢަރަބި މުސްލިމު ދައުލަތްތަކުން އެ ތިބީ ރަނގަޅު ފަޅީގައި ކަމާއި މެދު ޝައްކެވެ.






