މި އަހަރުގެ ތެރޭގައި 12,000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފައްޓަވާނެކަމަށް ހަައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން މިހާރުވެސް ވަނީ ބީއެމްއެލްއާ ހަވާލުކޮށްގެން 3،272 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއެއް ފަށާފަ އެވެ. އެ މަސައްކަތުގައި ހިމެނެނީ ވިލިމާލޭގައި ތަރައްގީކުރާ 312 ހައުސިން ޔުނިޓާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ 546 ޔުނިޓާއި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ތަރައްގީކުރާ 2،414 ޔުނިޓެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް މި މަހު ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުތެރޭ އެހައުސިން ޔުނިޓްތައް ނިމޭނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 12،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުން ކަމަށާއި އިސްކަން ދެނީ ތިން ކޮޓަރިގެ ޔުނިޓްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 12،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުން. މިއީ އެހެން އެއްވެސް ސަރުކާރެއްގައި ފްލެޓް މަސައްކަތް ނުގެންދާ މިންވަރެއް. އިސްކަން ދެނީ ތިން ކޮޓަރިގެ ޔުނިޓްތަކަށް. ސަރުކާރުން މިދަނީ ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4000 ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ފްލެޓްތައް ތަރައްގީކުރާނީ ގުޅިފަޅުގައި ކަމަށާއި އެކަމާ ގުޅޭ ލިޔެކިޔުންތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެކަމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފައްޓަވާނޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެއްވެސް އިންޓްރެސްޓަކާ ނުލާ ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖެއަށް ދޭ ލޯނުގެ ދަށުން، 500 ޔުނިޓް ތަރައްގީކުރުމާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށާއި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ސައުދީ ފަންޑުގެ އެހީވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.