ހޮލީވުޑްގައި ފައިތިލަ ސާބިތުކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އެންމެ ފަހުގެ އެކްޝަން އެޑްވެންޗާ ފިލްމު "ދަ ބްލަފް"ގެ ފޯރިގަދަ ޓްރެއިލާ އާންމުކޮށްފި އެވެ.
ޑައިރެކްޓަރު ފްރޭންކް އީ. ފްލާވާސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެމަޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ އުފެއްދުމެކެވެ. މި ފިލްމު އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނެއެވެ.
މި ފިލްމުގައި ޕްރިޔަންކާއާ އެކު ލީޑް ރޯލުން ފެންނާނީ މަޝްހޫރު ސީރީޒް "ދަ ބޯއިސް" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާލް އާބަން އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ނުރައްކާތެރި މާޒީއެއް އޮތް، ކުރީގެ ކަނޑުފޭރޭ އަންހެނެއްގެ މައްޗަށެވެ. އެގޮތުން ޕްރިޔަންކާ ކުޅޭ މި ކެރެކްޓާގެ ކުރީގެ ކެޕްޓަން (ކާލް) ބަދަލުހިފުމުގެ ނިޔަތުގައި އައުމުން، އޭނާގެ އާއިލާ ސަލާމަތްކުރުމަށް ކުރާ ހިތްވަރުގަދަ މަސައްކަތްތަކާއި ކުރިމަތިލުންތައް މި ފިލްމުން ފެނިގެންދާނެއެވެ.
"ދަ ބްލަފް"ގެ މުހިންމު ރޯލުތަކުން ސަފިއާ އޯކްލީ-ގްރީން، ޓެމުއޭރާ މޮރިސަން، އިސްމައިލް ކްރޫޒް ކޯޑޯވާ، ޒެކް މޮރިސް އަދި ޑޭވިޑް ފީލްޑް ވެސް ފެނިގެންދާނެއެވެ. މި ފިލްމަކީ "އެވެންޖާސް" ފަދަ މަޝްހޫރު ފިލްމުތައް އުފެއްދި ރުސޯ ބްރަދާސްގެ އޭޖީބީއޯ އާއި އެމަޒަން އެމްޖީއެމް ސްޓޫޑިއޯސް ގުޅިގެން ތައްޔާރުކުރި ފިލްމެކެވެ.
އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޕްރިޔަންކާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަރުގަދަ އެކްޝަން ތަމްރީނުތަކެއް ހަދައިފަ އެވެ.
ހޮލީވުޑްގެ މަސައްކަތްތަކުގެ އިތުރުން، ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާ މިހާރު ވަނީ އިންޑިއާގެ ދެ ފިލްމެއްގައި މަސައްކަތްކުރުމަށް ވެސް ސޮއިކޮށްފަ އެވެ. އެއީ 2027 ވަނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ދެކުނު އިންޑިއާގެ ފިލްމު "ވަރްނާސީ" އާއި ބޮލީވުޑްގެ ފިލްމު "ޖީ ލޭ ޒަރާ" އެވެ. ނަމަވެސް "ޖީ ލޭ ޒަރާ" ރިލީޒްކުރާނެ ތާރީހެއް ހާމަކޮށްފައިނުވެ އެވެ.






