ރޯދަމަހަށް މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ދުވަސް ކުރިން - 21 ޖެނުއަރީ 2026 11:09
މާލޭ ސިޓީ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ. އެގޮތުން ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން--- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ. އެގޮތުން ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން--- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޚުލާސާ

މި މަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލޭގެ އެކި މިސްކިތްތައް އާބާތުރަ ފުލުވައި، މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުރިހާ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުރިހާ މިސްކިތްތަކެއް އާބާތުރަ ފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލޭގެ އެކި މިސްކިތްތަކުގައި ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އެގޮތުން ކުރިއަށް ގެންދާ ބައެއް މަސައްކަތްތަކަކީ:

  1. ހުޅުމާލެ މަސްޖިދުލް ސާނީ: މިސްކިތުގައި މައިޒާނެއް ތަރައްގީކުރުން
  2. ހުޅުމާލެ މަސްޖިދުލް ހައްތާބު: ފުރާޅު މަރާމާތުކުރުމާއި އާބާތުރަ ފިލުވުން
  3. މާލޭ ތަގްވާ މިސްކިތް، މާފަންނު އާ މިސްކިތް އަދި އިބްރާހިމީ މިސްކިތް: ގޯތިތެރޭގައި ގަސް އިންދައި ފެހިކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް
  4. ހުޅުމާލޭ މަސްޖިދުލް މުހައްމަދު: ތިރީބައިގެ ދޮރުތަކުގައި ޑިޒައިން ސްޓިކާ ހަރުކުރުން

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ވަގުތު ހޭދަކުރާ މަހަކަށްވާތީ، މިސްކިތްތަކަކީ ހިތްގައިމު ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް ކައުންސިލުން ހާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ.

މިސްކިތްތައް އާބާތުރަ ފިލުވުމުގެ އިތުރުން، މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި، ނަމާދުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%