އާއިލާއާއެކު އަލުން ގުޅުން ބާއްވަން ބޭނުންނުވާކަމަށް ބްރުކްލިން ބުނެފި

އައިޝަތު ރުވާ ރިފްޢަތު | 4 ދުވަސް ކުރިން - 20 ޖެނުއަރީ 2026 22:46
ބްރުކްލިން ޕެލްޓްޒް ބެކަމް, ބައްޕަ ޑޭވިޑް ބެކަމް އާއި މަންމަ ވިކްޓޯރިއާ ބެކަމް އާއި އެކު މީގެކުރިން ނަގާފައިވާ ފޮޓޯއެއް---
ބްރުކްލިން ޕެލްޓްޒް ބެކަމް, ބައްޕަ ޑޭވިޑް ބެކަމް އާއި މަންމަ ވިކްޓޯރިއާ ބެކަމް އާއި އެކު މީގެކުރިން ނަގާފައިވާ ފޮޓޯއެއް---
ޚުލާސާ

ކައިވެނީގައި ނިކޯލާ ލާން ބޭނުންވީ ވިކްޓޯރިއާ ޑިރައިންސްގެ ހެދުމެއް ކަމަށާއި ނިކޯލާގެ ކައިވެނީގެ ހެދުން ފަހައިދޭން އެއްބަސްވި ނަމަވެސް އެންމެފަހު ވަގުތު މަންމަ ކެސްކަލްކުރިކަމަށް ބްރުކްލިން ބުނި.

މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމްގެ ދޮށީ ދަރިފުޅު ބްރުކްލިން ޕެލްޓްޒް ބެކަމް، އޭނާގެ އާއިލާއާއެކު އޮތް ގުޅުން ކެނޑިފައިވާކަން ފުރަތަމަ ފަހަރަށް އާންމުކޮށް، އަލުން ގުޅުން ބާއްވަން ބޭނުންނުވާކަމަށް ބުނެފިއެވެ.

ބްރުކްލިން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓްތަކެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އޭނާގެ މައިންބަފައިން ދަނީ ނޫސްތައް މެދުވެރިކޮށް އޭނާއަށާއި އޭނާގެ އަންހެނުން ނިކޮލާ ޕެލްޓްޒް ބެކަމްއަށް "ހަމަލާދީ"، އެ ދެމަފިރިންގެ ގުޅުން ހަލާކުކޮށްލުމަށް ނިމުމެއް ނެތް މަސައްކަތްތަކެއް ކުރަމުންނެވެ.

"އަހަރެން މިހުރީ އަހަރުތަކެއް ވަންދެން ހަނު. މިކަންކަން ސިއްރުކުރަން އަހަރެން ވަރަށް މަސައްކަތް ކުރިން،" 16 މިލިއަން ފޮލޯވަރުން ތިބި އުމުރުން 26 އަހަރުގެ ބްރުކްލިން ލިޔެފައިވެ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މައިންބަފައިންނާއި އެމީހުންގެ ޓީމުން މެދުނުކެނޑި ނޫސްތަކަށް މައުލޫމާތު ދެމުންދާތީ، އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވުން ނޫން އިތުރު ގޮތެއް މިހާރު ނެތްކަމަށެވެ.

ބްރުކްލިން އިތުރަށް ބުނީ އޭނާއަކީ އެހެން މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުރި މީހެއް ނޫން ކަމަށާއި، މައިންބަފައިންގެ އަބުރު ރައްކާތެރިކުރުމަށްޓަކައި ކުށެއް ނެތް މީހުންގެ އަގުވައްޓާލަން ދޮގު ހަބަރު ފަތުރާ މަންޒަރު އަމިއްލަ ލޮލުން ދެކެފައިވާ ކަމަށެވެ.

މީގެއިތުރުން، ބްރުކްލިންއާއި ނިކޮލާ ކައިވެނީގައި ނިކޯލާ ލާން ބޭނުންވީ ވިކްޓޯރިއާ ޑިރައިންސްގެ ހެދުމެއް ކަމަށާއި ނިކޯލާގެ ކައިވެނީގެ ހެދުން ފަހައިދޭން އެއްބަސްވި ނަމަވެސް އެންމެ ފަހު ވަގުތު މަންމަ އެކަން ކެންސަލްކުރުމުން ކައިވެނިކުރަން 11 ގަޑިއިރަށްވެފައި ހުއްޓާ އާ ހެދުމަށް ހޯދަން ޖެހުނު ކަމަށް ވެސް ބްރުކްލިން ވަނީ ބުނެފަ އެވެ.

މި ވާހަކަތަކަށް ޑޭވިޑް ބެކަމް ސީދާ ރައްދެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް، ސްވިޒަލޭންޑްގެ ދާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކުދިންނަށް "ކުށް ކުރެވޭނެ" ކަމަށާއި، އެއީ އެކުދިން ކަންކަން ދަސްކުރާ ގޮތް ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ރަނގަޅު އަދި ނުރަނގަޅު ގޮތްތަކާ ގުޅޭގޮތުން ދަރިން ތަރުބިއްޔަތު ކުރަން މަސައްކަތް ކުރައްވާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%