އެފްކޮންސްގެ ތަށި ސެނެގާލަށް! ހީރޯ އަކީ މާނޭ

އައިޝަތު ރުވާ ރިފްޢަތު | 15 ދުވަސް ކުރިން - 19 ޖެނުއަރީ 2026 15:57
މެޗު ނިމުމުން މާނޭ އުފަލުން ރޮނީ---
މެޗު ނިމުމުން މާނޭ އުފަލުން ރޮނީ---
ޚުލާސާ

ފޯރިގަދަ އެތައް މަންޒަރުތަކެއް ފެނުނު މި މެޗުގައި ނަތީޖާ ނެރެވުނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ގުއޭ ކާމިޔާކުރި ގޯލުން.

އެފްރިކަންސް ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި 0-1 ގެ ނަތީޖާއިން މޮރޮކޯ ބަލިކޮށް އެ މެޗުގެ ހީރޯއެއްގެ މަގާމު ސެނެގާލްގެ ސާޑިއޯ މާނޭ ހޯދައިފި އެވެ.

މޮރޮކޯގެ ޕްރިންސް މޫލޭ އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު 94 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގުއޭ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ އެންމެ ފޯރިގަދަ ހިސާބަކީ މެޗުގެ 90 ވަނަ މިނެޓުގެ ފަހެވެ. 1+90 ވަނަ މިނެޓުގައި ސެނެގާލުން ގޯލެއް ޖެހި ނަމަވެސް ކޮންގޯގެ ރެފްރީ ވަނީ އެއީ ފައުލެއް ކަމަށް ނިންމާފަ އެވެ.

އިންޖަރީ ޓައިމްގެ ގޮތުގައި އަށް މިނެޓު ރެފްރީ ދެއްކި ނަމަވެސް މޮރޮކޯ އަށް ޕެނަލްޓީއެއް ދިން މައްސަލައިގައި ސެނެގާލްގެ ކުޅުންތެރިން ނުރުހުން ފާޅުކުރުމުގެ ސަބަބުން އިންޖަރީ ޓައިމް 23 މިނެޓަށްވުރެ ދިގުވެގެންދިޔަ އެވެ. ވީއޭއާރު ބެލުމަށްފަހު މޮރޮކޯއަށް ޕެނަލްޓީއެއް ދޭން ނިންމީ ސެނެގާލްގެ މަލިކް ޑިއޯފް، ބްރަހިމް ޑިއާޒް ކަރުގައި ހިފައި ވައްޓާލުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ސެނެގާލްގެ ގިނަ ކުޅުންތެރިންތަކެއް މެޗު ދޫކޮށް ޗޭންޖިން ރޫމަށް ދިޔަ އެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަށް ސާޑިއޯ މާނޭ ވަނީ ކެޕްޓަންގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފަ އެވެ. ޗޭންޖިން ރޫމަށް ގޮސް ކުޅުންތެރިންނަށް ނަސޭހަތްލައިދީ މެޗު ހުއްޓިފައި އޮތް ހިސާބުން ފެށުމަށް އޭނާ ވަނީ ކުޅުންތެރިންނަށް ހިތްވަރުދީފަ އެވެ.

މާނޭގެ އެދުމަށް ކުޅުންތެރިން އަލުން ދަނޑަށް އެރި އެވެ. ފަށަން ޖެހުނީ ޕެނަލްޓީންނެވެ. ނަމަވެސް ބްރަހިމް ޑިއާޒް މެދަށް ޖެހި މޮރޮކޯގެ ޕެނަލްޓީ، ކީޕަރު އެޑުއާޑޯ މެންޑީ ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ.

ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެހާފު ކުޅެން ޖެހުނެވެ. މި މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބުނެވެ. ނަމަވެސް ގޯލަށް ބަދަލުކޮށްލެވުނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ގުއޭ ޖެހި ބާރު ހަމަލާ ގޯލަށް ވައްދާލައިގެންނެވެ.

ޕެނަލްޓީއާ ހިސާބުން މެޗު ހުއްޓާލަން ސެނެގާލުން ނިންމި ނަމަ 0-3 ގެ ނަތީޖާއިން މޮޅުވީ ކަމަށް ބަލާނީ މޮރޮކޯ އެވެ. ސާޑިއޯ މާނޭ އޭނާގެ ޓީމަށްޓަކައި ކުރި ޖިހާދުގެ ސަބަބުން ސަޕޯޓަރުން ދެކެނީ އޭނާއަކީ "ހީރޯ" އެއް ގޮތުގަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މާނޭ އަށް ލިބިފައިވާއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ބްރަހިމް ޑިއާޒް އަށެވެ. އަދި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ލިބުނީ މޮރޮކޯގެ ޔަސީނޭ ބޯނޯ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%