ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އޮބްޒާވްކުރުމަށާއި މޮނީޓަރުކުރުމަށް ޝައުގުވެރިވާ ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފަ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށާއި، ބޭރުގެ އެކި އިދާރާތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށެވެ.
ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވުމާއެކު، އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދޭ މީހަކަށް ވެގެން ނުވާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ބޭރުގެ ފަރާތްތަކަށް އިންތިހާބު އޮބްޒާވްކުރުމުގެ ދައުވަތު ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، އިންތިހާބުގެ ކަންކަން ކުރިއަށްދަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތަށްކަން ބައިނަލްއަގްވާމީ މުޖުތަމައަށް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
މިފަހަރުގެ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ އިތުރުން ބޭރުގެ ދެ ގައުމެއްގައި ކުރިއަށްދާނެ އެވެ. އެގޮތުން ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ކުއަލަލަންޕޫރާއި ސްރީލަންކާގެ ކޮލަމްބޯގައި އެވެ.
އިންތިހާބީ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާއިރު، މި އިންތިހާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މަންދޫބުން އައްޔަންކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.






