ގޯވިންދާގެ ކައިވެނި ރޫޅިއްޖެކަމަށް ދެކެވޭ ވާހަކަ ގޯވިންދާގެ އަންހެނުން ސުނީތާ ދޮގުކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމުގައިވާ ގޯވިންދާގެ އަންހެނުން ސުނީތާ އޭނާގެ ކައިވެންޏާއި ފިރިމީހާއާ ގުޅުން ހުރި ބައެއް މައްސަލަތަކާ ބެހޭ ގޮތުން ދާދިފަހުން ވަނީ ފާޅުގައި ވަރަށް ތިލަކޮށް ވާހަކަދައްކާފަ އެވެ. ސުނީތާ ބުނިގޮތުގައި އޭނާއާއި ގޯވިންދާ ވަރިވެއްޖެކަމަށް ދެކެވޭ ވާހަކަތަކަކީ އަސްލެއް ހަގީގަތެއް ނެތް ވާހަކަތަކެކެވެ.

"އަހަރެމެން ވަރިއެއް ނުވަން. އެކަމުގެ އެއްވެސް ނިޔަތެއް ވެސް ނެތް. އަހަރެމެން އަދިވެސް އުޅެނީ އެކުގައި" ސުނީތާ ބުންޏެވެ.

ޕޮޑުކާސްޓެއްގައި ވާހަކަދައްކަމުން ސުނީތާ ވަނީ އާއިލީ ޒިންމާތަކާއި ބައްޕައެއްގެ ގޮތުގައި ގޯވިންދާގެ ދައުރާ ބެހޭ ގޮތުން ވެސް ވާހަކަދައްކާފަ އެވެ.

ސުނީތާ ވަނީ ގޯވިންދާ އާއި އޭނާ ވަކިވުމުގެ ހަބަރު ތަކުރާރުކޮށް ދޮގުކޮށް، ފިރިމީހާގެ ހަޔާތަށް އެހެން އަންހެނުން އައުމުގެ މައްސަލާގައި އަޅާނުލައި ނުހުންނާނެ ކަމަށް ބުނެފައެވެ. އަދި ގޯވިންދާ އާއި އޭނާގެ ގުޅުމަކީ ވަރުގަދަ އަދި ވަކިނުކުރެވޭ ފަދަ ގުޅުމެއް ކަމަށާއި، ފިރިމީހާގެ ހިޔާނާތްތެރިކަން ސާބިތުވެއްޖެނަމަ އެއްވެސް ގޮތަކަށް މާފު ނުކުރާނެ ކަމަށް ވެސް ސުނީތާ ބުންޏެވެ.

ގޯވިންދާ އާއި ސުނީތާ ކައިވެނި ކުރީ 1987 ވަނަ އަހަރު ގައެވެ. އެދެމަފިރިންނަށް ލިބިފައިވަނީ ދެ ދަރީންނެވެ. އެއީ ޓީނާ އަހޫޖާ އާއި ޔަޝްވަރުދާން އަހޫޖާ އެވެ.