ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 779 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަންނަ އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ހަތް ވަނަ ދުވަހުގަ އެވެ. މިފުރުސަތު މިއަދު 15:00 އަށް ވަނީ ހަމަވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 779 ޝަކުވާ ލިބިފައިވާ ކަމަށެވެ. ޝަކުވާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ލިބިފައިވަނީ، އެޑްރެސް ބަދަލުވުމާއި، ރަށްވެހިކަން ބަދަލުވުމާއި، ނިޔާވެފައިވާ ފަރާތްތައް ހިމެނުމާއި، ރަޖިސްޓްރީން ނަން އުނިކުރުމުގެ ބައެއް ޝަކުވާތައްކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ނެރެފައިވާ ވޯޓާސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އިލެކްޝަންސް އިން ބުނީ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނީ މިހާރު ލިބިފައިވާ ޝަކުވާތަކަށް ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްފަހު ކަމަށެވެ. އަދި ވޯޓުލާން ބޭނުންވާ ތަން ރަޖިސްޓްރީ ކުރުމަށް ނުވަތަ ރީ-ރަޖިސްޓްރޭޝަނަށް ފަހުން ހުޅުވާލާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން ވަނީ އިއްޔެ ހުޅުވާލާފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އެޕްލިކޭޝަން ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.






