މި ދައުރުގެ ތެރޭގައި ގޯތިތަކާއި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޑރ. މުއްތަލިބު މި މޭރުމުން ވިދާޅުވީ ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކީ މާލޭގައި ރަޖިސްޓްރީވެފައިވާ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވެފައިވާ ރައްޔިތުންނަށް ހާއްސަކުރެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ޕޯޓަލް މިއަދު 09:00 ފެށިގެން އާންމުކޮށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މި ޕްރޮގްރާމަކީ އެހެން ފަހަރުތަކާ ހިލާފަށް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަކުރެވިގެން ހިންގާ ޕްރޮގްރާމެއް ނަމަވެސް ވަކިވަކި ފަރުދުންނަށްވެސް މި ސްކީމަށް އެޕްލައިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު މި ހުޅުވާލެވެނީ 15،000 ގޯއްޗާއި 7،900 ފްލެޓަށް، މާތްﷲ ވާގިފުޅާއެކު އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ގޯތިތައްދީ، ރަޖިސްޓްރީ ހަދައިދީ، އިންވަކިކޮށްދީ ގޯތި ހަވާލުކުރާނަން، އަޅުގަނޑުމެން އިއުލާންކުރާ 7،900 ފްލެޓަކީ މިހާތަނަށް ފައިނޭންސް ޔަގީންވެފައިވާ ފްލެޓްތަކުގެ އަދަދު،" --- މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވި އެވެ.
2008 ވަނަ އަހަރުގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ނިންމައި ފްލެޓްތަކަށް މީހުން ވެއްދިފައެއް ނުވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށެވެ. އަމާޒަކީ މި ހުރިހާ ފްލެޓްތަކުގެ މަސައްކަތްތައް ނިންމައި އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަދައިދިނުން ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 17 ވާ ހުކުރު ދުވަހުގެ ރޭ 23:59 އެވެ. އަދި ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު މަހުގެ ހަތަރެއް ވާ ބުދަ ދުވަހެވެ. ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށަހަޅާނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު މި ލޯންޗުކުރެވޭ ޕޯޓަލުން ހުރިހާ ފަރާތްތަކަވެސް، އެ ފަރާތެއްގެ ވެރިފައިޑް އީފާސް އެކައުންޓުން ލޮގިންކުރެއްވުމުން ބޭނުންފުޅުވާ ސްކީމް ހިޔާރުކުރެއްވޭނެ ކަމަށެވެ. މީގެ އިތުރުން ބިމާއި ފްލެޓް ސްކީމް އަދި ހިޔާ ސްކީމުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ހަވާލުކޮށް އެހެންނަމަވެސް ފްލެޓް ހަވާލުނުކުރާ ފަރާތްތަކަށް ކެޓަގަރީއެއް ހާއްސަކޮށްފައިވާނެ ކަަމަށާއި، އެ ކެޓަގަރީ މިނިސްޓްރީން ވަކިން ހިމަނާފައިވަނީ އެފަދަ ފަރާތްތަކުން ހާއްސަ އުސޫލަކުން އަމަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ފަރާތަކަށްވެސް ޕޯޓަލްއަށް އީފާސްއިން ވަދެ ސްކީމަށް ޝަރުތުހަމަވޭތޯ ބެލޭނެ. އެހެން ކަމުން މިނިސްޓްރީން އެދެނީ ޝަރުތު ހަމަވާ ފަރާތްތަކުން އެކަނި ފޯމް ހުށަހަޅަން، ޕޯޓަލްއިން މައުލޫމާތު ފުރުއްވާއިރު ކޮންމެ ބޭފުޅަކުވެސް ޔަގީންކުރައްވަންވީ ދެއްވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ، އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަވާނީ އެޕްލައިކުރައްވާ ފަރާތްތަކުން މައުލޫމާތު ފުރިހަމަކުރައްވައި އިގުރާރުގައި ސޮއިކޮށް ފޯމް ހުށަހެޅުއްވުމުން. ފޯމް ހުށަހެޅުއްވުމުން ފޯމް ހުށަހެޅުއްވިކަމުގެ ލިޔުން އީމެއިލް އަދި މެސެޖު ލިބޭނެ. މި ލިޔުމުގައި ފޯމް ހުށަހެޅުއްވި ފަރާތަށް ލިބުނު ޕޮއިންޓުގެ އަދަދު ތަފްސީލުވެސް ހިމެނިފައިވާނެ." --- މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ކެންސަލްކުރުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ނުދޭނެ ކަމަށެވެ. އެހެންނަމަވެސް ފޯމް ޑްރާފްޓްކޮށްފައި ބެހެއްޓޭނެ ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކަމަކީ، ފޯމު ފުރިހަމައަށް ފުރައި ލިޔެކިޔުންތަކާއެކު ފޯމް ހުށަހެޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަވަހަށް ފޯމް ހުށަހެޅުމަކުން ލިބޭނެ އިތުރު ފައިދާއެއް ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން އަވަހަށް ފޯމް ހުށަހެޅުމުގެ ބަދަލުގައި ބޭނުންވާ މުހިއްމު މައުލޫމާތު ސައްހަކޮށް ފޯމުގައި ފުރުމަށް މިނިސްޓަރު ޑރ. މުއްތަލިބު ވަނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.






