ބޮލީވުޑްގެ މަގުބޫލު ބަތަލާ ތަމަންނާ ބާޓިއާ ފެނިގެންދާ "އާޖް ކީ ރާތު" މި ލަވަ ޔޫޓިއުބްގައި އެއް ބިލިއަން ވިއުސް ހަމަކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
މި އަހަރު ނިކުތް ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ-ކޮމެޑީ "ސްތުރީ 2" ގައި ހިމެނޭ މި އައިޓަމް ލަވައަކީ، ފިލްމު ބޮކްސް އޮފީހުގައި އެހާ ބޮޑު ތަރުހީބެއް ހޯދުމުގެ އެއް ސަބަބު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ޔޫޓިއުބަށް ދޫކޮށްލި މި ލަވަ ވަނީ އާންމުވި ދުވަސްވަރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.
މި ކާމިޔާބީއާ ގުޅިގެން ތަމަންނާ ވަނީ އިއްޔެ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން ލަވައިގެ ޝޫޓިންގ ތެރޭގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުން ތަމަންނާ ބުނެފައިވަނީ، "އެންމެ ވިއުއަކުން ބިލިއަން ވިއުސްއަށް. އެންމެން ތި ދޭ ލޯތްބަށް ޝުކުރުވެރިވަން،" ކަމަށެވެ.
މަދުބަންތީ ބާގްޗީ އާއި ދިވްޔާ ކުމާރުގެ އަޑުން ކިޔާފައިވާ މި ލަވައިގެ މިއުޒިކް ތައްޔާރުކުރީ ސަޗިން-ޖިގަރެވެ. އަދި ލަވައިގެ ލިރިކްސް ލިޔެފައިވަނީ އަމީތާބު ބަޓަޗަރްޔާ އެވެ.
ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ މުހިންމު ރޯލުތަކުން ފެނިގެންދާ "ސްތުރީ 2" އަކީ ދުނިޔޭގެ ބޮކްސް އޮފީހުގައި 900 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ޕަންކަޖު ތުރިޕާޓީ، އަބީޝެކް ބެނަރްޖީ އަދި އަޕަރްޝަކްތީ ކުރާނާ ވެސް މުހިންމު ބައިތަކެއް އަދާކޮށްފައިވެ އެވެ.






