އިންޑިއާގެ ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބަތަލާ މުރުނާލް ޓާކޫރާއި މަޝްހޫރު އެކްޓަރު ދަނޫޝް އަންނަ މަހު ކައިވެނިކުރަން އުޅޭ ކަމަގެ އަޑުތައް ފެންމަތިވާން ފަށައިފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެ ތަރިންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. މި ހަފްލާއަކީ ހަމައެކަނި އާއިލާގެ ގާތް މީހުންނާއި ގާތް ރަހުމަތްތެރިންނަށް ބާއްވާ ކުޑަ ހަފްލާއެއް ކަމަށްވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް މި ހަބަރުތަކާ ގުޅޭގޮތުން މިހާތަނަށް ދަނޫޝް ނުވަތަ މުރުނާލްގެ ފަރާތުން އެއްވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.
މުރުނާލް އާއި ދަނޫޝް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން އެކި ތަންތަނުން މި ދެ ތަރިން އެކުގައި ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ދެ ތަރިންވެސް މިހާތަނަށް ތިބީ އެކަމަށް އިންކާރު ނުކޮށް ހަނުހިމޭނުންނެވެ.
އުމުރުން 42 އަހަރުގެ ދަނޫޝްއަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. އޭނާގެ ފުރަތަމަ ކައިވެންޏަކީ މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިއާ ރަޖްނީކާންތާއެކު 2004 ވަނަ އަހަރު ކުރި ކައިވެންޏެވެ. އެ ކައިވެންޏަށް ދެ ފިރިހެން ދަރިން ލިބިފައިވާއިރު، 18 އަހަރަށްފަހު 2022 ވަނަ އަހަރު ދެމީހުން ވަކިވާން ނިންމައި، ރަސްމީކޮށް ކައިވެނި ރޫޅާލާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ދަނޫޝްއަކީ އިންޑިއާގެ ތަމަޅަ ފިލްމީ ދާއިރާގައި އެންމެ ނުފޫޒުގަދަ އެއް އެކްޓަރެވެ. އޭނާއަކީ އެކްޓުކުރުމުގެ އިތުރުން ކާމިޔާބު ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ލަވަކިޔުންތެރިއެއްވެސް މެއެވެ. ބޮލީވުޑްގައިވެސް ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅެފައިވާ ދަނޫޝްގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ރާންޖަނާ"، "އަތުރަންގޫ ރޭ" އަދި "ޝަމީތާބް" ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ "ތެރެ އިޝްގް މޭ" އެވެ.






