ކައުންސިލް އިންތިހާބަށް ހުޅުވާލައިފި، ހުށަހެޅޭނީ އޮންލައިންކޮށް!

މުހައްމަދު ޖަމްޝަތު | 7 ދުވަސް ކުރިން - 17 ޖެނުއަރީ 2026 15:30
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތީހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އީސީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: އީސީ
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތީހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އީސީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: އީސީ
ޚުލާސާ

ލޯކަލް ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ

މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ އަންނަ އެޕްރީލްމަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 16:00 ޖެހުމާ ހަމައަށެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރުމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 1 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. އަދި ފުރުސަތު ބަންދުވާނީ ފެބުރުއަރީ އެއް ވަނަ ދުވަހު މެންދުރު ފަހު 15:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެ އެވެ.

އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގަ އެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ފޯމް ބަލައިގަންނާނެ އެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުން ދާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބަށް ކެންޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ ވެސް މައި ޕޯޓަލް މެދުވެރިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭ ކަމަށެވެ. ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުން އިންތިހާބުކުރަންޖެހެ އެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރެވިގެންދާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓާސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މި އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

މިފަހަރުގެ އިންތިހާބުގައި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ ދެ ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.

އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަކީ އެހެން އަހަރުތަކާއި ހިލާފަށް އިދާރީ ގިނަ ކަންކަން ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށް ގެންދާ އިންތިހާބެކެވެ. ވޯޓާސް ލިސްޓާއި ގުޅޭ ކަންކަމުން ފެށިގެން ގޮސް ކެނޑިޑޭޓުން ފޯމު ބަލައިގަތުމާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ޑިޖިޓަލައިޒްކޮށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިހާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުން ނެވެ. މި އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭނީ ރަށާއި ސިޓީ ކައުންސިލަށް އިންތިހާބު ކުރާ އަދަދަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%