ހުޅަނގުން އަޑީގައި ތިބެގެން ފުނޑައިލި ޣައްޒާގެ އިންތިޤާލީ ވެރިކަން ހިންގާނެ ޞުލްޙައިގެ ބޯޑަށް، ޣިރާޤު ފުނޑަލައި ސައްދާމް ޙުސައިން ދަންޖެއްސުމުގައި އެންމެ އިސް ރޯލެއް އަދާކުރި އެކަކު ކަމަށްވާ އިނގިރޭސީވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ގެ ނަން އެމެރިކާ އިން ހުށަހަޅައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޙަމާސް އާއި އެކު ވެފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލުމަށް ބުނެފައި ވެއެވެ. އެ ކޮމިޓީގެ މައްޗަށް ބާރު ފޯރުވާނީ ރައީސް ޓްރަމްޕްގެ ބެލުމުގެ ދަށުން އުފައްދާ ސުލްޙައިގެ ބޯޑެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ސީދާ ޓްރަމްޕް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ބޯޓުގައި ބްލެއާ ހިމެނުމަށް ޓްރަމްޕް ކުރިން ވިސްނަވާފައި ވާތީ ޢަރަބީންގެ ޕްރެޝަރާއި ހެދި ޓްރަމްޕް ވަނީ ބްލެއާގެ ދަށުން އެ ބޯޑު ނުހިންގާނެ ކަމަށް ޢަރަބީންގެ ގާތުގައި ބުނެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޞައްދާމުގެ ޤަތިލު ކަމަށް މުޅި ދުނިޔެ ޤަބޫލުކުރާ ޓޯނީ ބުލެއާގެ އިތުރުން އެ ބޯޑަށް އެމެރިކާއިން ހުށަހަޅާފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އާއި ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރއެވެ.
އެހެންކަމުން، ޙަމާސްގެ އަތުން ޣައްޒާގެ ވެރިކަން ހިންގުމުގެ ބާރުތައް ނިގުޅައިގަނެ، އިންތިޤާލީ މަރުޙަލާގައި ޣައްޒާގައި ވެރިކަން ކުރާނީ އިނގިރޭސިވިލާތުގެ ނުފޫޒާއި އެކުގައި ކަން ސާފެވެ. ޞުލްޙައިގެ ޕްލޭނޭ ކިޔައި މުޅިން ތަފާތު ވެރިކަމެއް ފަލަސްޠީނުގެ ބިމުގައި ހިންގުމަށް ޓްރަމްޕް ނިންމާފައިވާއިރު، މިކަމުގެ އަޑީގައި އޮތީ އިނގިރޭސިވިލާތް ކަމުގައި ބެލެވޭނެ ހެއްކާއި ޤަރީނާތައް ގިނައެވެ.
ޓޯނީ ބްލެއަރަކީ ވަރަށް ނުބައި “ޝައިޠާނީ ވިސްނުން” ގެންގުޅޭ މީހެކެވެ. ޣިރާޤު ސުންނާފަތިކޮށްލުމުގެ އެއް މޭސްތިރިއާއެވެ. އެހެންކަމުން މިދެންނެވި ބޯޑުގައި ބްލޭއާ ހުރެއްޖެ ނަމަ، އިސްރާއީލާއި މިޞްރާއި އަދި ޣައްޒާ އާއި އެނޫންވެސް ފަލަސްޠީނާއި ގުޅިފައިވާ ދެން ހުރި ބިންތަކާއި ގުޅޭ ކަންކަމުގައި ސެންޓްރަލް ކޯޑިނޭޓަރުގެ މަޤާމު އަދާކުރުމުގައި އޭނާ އަށް މުހިންމު ރޯލެއް ކުޅުމުގެ ފުރުޞަތު އެބައޮތެވެ.
މިއީ ކުރިމަގުގައި އިސްރާއީލަށް މުޅި ޝާމްކަރަ ނަގައިދިނުމަށް ކުރަން އުޅޭ މަސައްކަތުގެ ބައެކެވެ. އެހެނީ 1917 ވަނަ އަހަރު ބަލްފޯރ ޑިކްލެރޭޝަން މެދުވެރިކޮށް ޔަހޫދީންނަށް ފަލަސްޠީނުގެ ބިން ހޯދައިދޭނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ވަޢުދުވެފައެވެ.






