2024 ވަނަ އަހަރު މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނު އިއުލާނުކުރަން ކުރި މަސައްކަތާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ރައީސް، ޔޫން ސުކް ޔިއޯލް، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ޔޫން ގެ މައްޗަށް ގައުމަށް ގައްދާރުވުމުގެ ޝަރީއަތްވެސް ދަނީ ކުރިޔަށެވެ. އެ މައްސަލައިގެ ހުކުމް އިއްވާނީ އަންނަ މަހު ކަމަށް ބެލެވެއެވެ.
ޔޫންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު ފަސްއަހަރުގެ ޖަލުގެ ހުކުމް އިއްވި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ، ޔޫންގެ މައްޗަށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމާއި، ލިޔެކިޔުންތައް އޮޅުވާލުމުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ ނިންމުމަށް ބޮޑުވަޒީރާއި ދިފާއީ ވަޒީރު ތާއީދުކުރެއްވި ކަމަށް ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށް، ފަހުން އެ ލިޔުން ނައްތާލިކަން ވެސް ކޯޓުގައި ވަނީ ސާބިތުވެފައެވެ.
ޕްރޮސިކިއުޓަރު ކޯޓުގައި ޔޫން އާއި ދެކޮޅަށް ދައުވާ ކުރީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ޑިމާންޑް ކުރަމުންނެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ ފަސް އަހަރަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.






