ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޒޯއީ ސަލްޑާނާ، ފިލްމީ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެކްޓަރުގެ ލަގަބު ހޯދައި، ރެކޯޑެއް މުގުރާލައިފި އެވެ. މި ތާރީހީ ކާމިޔާބީ އޭނާ ހޯދާފައިވަނީ އެންމެ ފަހުން ރިލީޒްވި "އެވެޓާ: ފަޔަރ އެންޑް އޭޝް" އަށް ލިބުނު ބޮޑު ތަރުހީބާ އެކުގަ އެވެ.
ޒޯއީ ސަލްޑާނާއަކީ ދުނިޔޭގެ ތާރީހުގައި އެންމެ ގިނަ އާމްދަނީ ލިބުނު ތިން ފިލްމު ކަމަށްވާ "އެވެޓާ" (2009)، "އެވެންޖާސް: އެންޑްގޭމް" (2019) އަދި "އެވެޓާ: ދަ ވޭ އޮފް ވޯޓަރ" (2022) ގައި މުހިންމު ރޯލުތަކެއް ކުޅުނު ފަންނާނެކެވެ. މީގެ އިތުރުން، "އެވެންޖާސް: އިންފިނިޓީ ވޯ" ހިމެނޭހެން، ދުނިޔޭގެ ބާޒާރުން 2 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ހޯދި ހަތަރު ފިލްމެއްގައި ހިމެނުނު ފުރަތަމަ އަންހެން އެކްޓަރަކީ ވެސް ޒޯއީ ސަލްޑާނާއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، "އެވެޓާ: ފަޔަރ އެންޑް އޭޝް" އަށް މިހާތަނަށް 1.23 ބިލިއަން ޑޮލަރު ލިބިފައިވާއިރު، ޒޯއީ ކުޅެފައިވާ ފިލްމުތަކަށް ޖުމްލަ ލިބުނު އާމްދަނީ ވަނީ 15.47 ބިލިއަން ޑޮލަރަށް އަރަ އެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޒޯއީ ބުނެފައިވަނީ، މިއީ އޭނާއަށް ބައިވެރިވުމުގެ ފުރުސަތު ލިބުނު ފާހަގަކޮށްލެވޭ ފްރެންޗައިޒްތަކާއި މަސައްކަތުގެ ބައިވެރިންގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ. ޒޯއީ ވަނީ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ޖޭމްސް ކެމަރަން، ރޫސޯ ބްރަދާސް، ޖޭ.ޖޭ. އެބްރަމްސް އަދި ޖޭމްސް ގަން އަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. ސަޕޯޓަރުންނަށް ޒޯއީ ބުނީ، މި ކާމިޔާބީގެ އަސްލަކީ އެމީހުންގެ ފަރާތުން ލިބޭ މެދުނުކެނޑޭ އެއްބާރުލުމާއި ލޯބި ކަމަށެވެ.
ޒޯއީގެ ކާމިޔާބީތައް މިވަރުން ނިމޭކަށް ނެތެވެ. 2025 ވަނަ އަހަރު އޭނާ ވަނީ "އެމީލިއާ ޕެރޭޒް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެކަޑަމީ އެވޯޑް (އޮސްކާ) ކާމިޔާބުކޮށްފަ އެވެ. މިއީ ޑޮމިނިކަން އެމެރިކަން ދަރިކޮޅުގެ މީހަކު އޮސްކާ އެވޯޑެއް ހޯދި ފުރަތަމަ ފަހަރެވެ.
"އެވެޓާ: ފަޔަރ އެންޑް އޭޝް" ގައި ޒޯއީ ފެނިގެންދަނީ ނޭޓީރީގެ ރޯލުންނެވެ. މި ފިލްމުގައި 8 ފޫޓު އުސް ނާވީ ހަނގުރާމަވެރިއެއްގެ ރޯލު ފުރިހަމައަށް އަދާކުރުމަށްޓަކައި އޭނާ ބޭނުންކޮށްފައިވަނީ 'ޕާފޯމަންސް ކެޕްޗަރ' ޓެކްނޮލޮޖީ އެވެ. ޒޯއީ ބުނި ގޮތުގައި މި ޓެކްނޮލޮޖީގެ ސަބަބުން އޭނާގެ މުޅި ހަކަތައާއި އިހުސާސްތައް މަންޒަރުތަކުގައި ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
ކުރިއަށް އޮތް 2029 އަދި 2031 ވަނަ އަހަރު ނުކުންނަ "އެވެޓާ 4" އަދި "އެވެޓާ 5" އިން ވެސް ޒޯއީ ފެނިގެންދާނެތީ، އޭނާގެ މި ރެކޯޑު އިތުރަށް އާވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.






