ކުރިއަށް އޮތް އިންތިހާބުތަކުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނިގޮތުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހާއްސަ ޓެމްޕްލޭޓެއް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭނަމަ، މިއަދުން ފެށިގެން އަންނަ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެއެވެ. މިކަމަށް ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ހޮޓްލައިން ނަންބަރު 1414 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް އީސީން ވަނީ އެދިފައެވެ.
1414 ގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ:
- ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި: ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް.
- ހުކުރު ދުވަސްތަކުގައި: މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް.
މި އިންތިޒާމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުގެ ސިއްރުކަން ކަށަވަރުކޮށްދީ، މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް އީސީން ފާހަގަކުރި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިހާރު އާންމުކޮށްފައިވާއިރު، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހެވެ.





