ހެރީ ސްޓައިލްސްގެ އާ އަލްބަމެއް ނެރެނީތަ؟

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 14 ޖެނުއަރީ 2026 23:23
ހެރީ ސްޓައިލްސް
ހެރީ ސްޓައިލްސް
ޚުލާސާ

މި އަލްބަމް ވެގެންދާނީ 2022ވަނަ އަހަރު ނެރުނު އަދި ބްރިޓް އެންޑް ގްރެމީ އެވޯޑް ހޯދި "ހެރީސް ހައުސް"އަށް ފަހު އޭނާ ނެރޭ ފުރަތަމަ އަލްބަމަށް.

މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، މިއުޒިކީ ދާއިރާއާ ދުރުގައި ހަތަރު އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު އަލުން އެނބުރި އަންނަން އުޅޭކަމުގެ ވަރުގަދަ އިޝާރާތްތަކެއް ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ދީފިއެވެ.

މިގޮތުން ނިއުޔޯކް، މެންޗެސްޓާ، ޕަލާމޯ، ސައޮ ޕައުލޯ އަދި ބާލިން ފަދަ ސިޓީތަކުގައި ވަނީ ސިއްރުވެރި މެސެޖުތަކެއް ހިމެނޭ ބިލްބޯޑުތަކާއި ޕޯސްޓަރުތަކެއް ހަރުކޮށްފައެވެ. މި ޕޯސްޓަރުތަކުގައި "ވީ ބިލޯންގް ޓުގެދާ" މި އިބާރާތް ލިޔެފައިވަނީ، ސްޓައިލްސްގެ 2022-23 ވަނަ އަހަރުގެ ވޯލްޑް ޓުއާގެ އެންމެ ފަހު ޝޯގެ ތެރެއިން ސަޕޯޓަރުން ފެންނަ ފޮޓޯއެއްގެ މަތީގަ އެވެ.

މީގެ އިތުރުން މި ޝިއާރު ބޭނުންކޮށްގެން ހާއްސަ ވެބްސައިޓެއް ވެސް ވަނީ ހުޅުވާފަ އެވެ. އެ ސައިޓަށް ވަނުމުން "އެޗް.އެސް.އެޗް.ކިއު" ( ހެރީ ސްޓައިލްސް ހެޑްކުއާޓާސް) ގެ ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕެއް ފެންނެއެވެ. ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި، މިއީ މިދިޔަ އަހަރު މެރަތަން ދުވުމުގައި ވަގުތު ހޭދަކުރުމަށްފަހު، އޭނާގެ ހަތަރުވަނަ އަލްބަމް ނެރުމަށް ވަމުންދާ ތައްޔާރީތަކެކެވެ.

"ވަން ޑައިރެކްޝަން" ބޭންޑުން މަޝްހޫރުކަން ހޯދި މި ތަރި މިދިޔަ އަހަރު ޓޯކިޔޯ އަދި ބާލިން މެރަތަންގައި ދުވެފައިވާއިރު، ސެޕްޓެމްބަރު މަހު ބޭއްވި ބާލިން މެރަތަން އޭނާ ނިންމާފައިވަނީ 2 ގަޑިއިރާއި 59 މިނެޓުންނެވެ. އަދި އާ ޕޯޕް އިއުލާންކުރި ވަގުތު ސެއިންޓް ޕީޓާސް ސްކޮޔަރ އިންނާއި، ކްރިސްމަސް ބަންދުގައި ބަތަލާ ޒޯއީ ކްރެވިޓްޒްއާއެކު އޭނާގެ އުފަން ރަށް ކަމަށްވާ ޗެޝަޔާ އިން ވެސް އޭނާ ފެނިފައިވެ އެވެ.

ނަމަވެސް މީގެ ތިން އަހަރު ކުރިން އޭނާގެ "ލަވް އޮން ޓުއާ" ކޮންސެޓްތައް ނިމުނު ފަހުން، އޭނާ އަންނަނީ އާ މިއުޒިކްތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި އާ އަލްބަމް ވެގެންދާނީ 2022 ވަނަ އަހަރު ނެރުނު އަދި ބްރިޓް އެންޑް ގްރެމީ އެވޯޑް ހޯދި "ހެރީސް ހައުސް" އަށް ފަހު އޭނާ ނެރޭ ފުރަތަމަ އަލްބަމަށެވެ. އެ އަލްބަމްގެ "އޭޒް އިޓް ވޯޒް" އަދި "ލޭޓް ނައިޓް ޓޯކިން" ފަދަ ލަވަތަކަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ.

އާ އަލްބަމްގެ މަސައްކަތްތައް ފަށާފައިވާކަން އެނގުނީ 2024 އޮގަސްޓް މަހު ލަންޑަންގެ އާރް.އޭ.ކޭ ސްޓޫޑިއޯއަށް އޭނާ ވަންނަނިކޮށް ފެނުމުންނެވެ. މިދިޔަ އަހަރު އޮސްޓްރޭލިއާގެ ރޭޑިއޯ ހޯސްޓުންތަކެއް ބުނި ގޮތުގައި، ސްޓައިލްސް ވަނީ މުޅި އަލްބަމް "ޓައިޕްރައިޓަރެއް" ބޭނުންކޮށްގެން ލިޔެ ނިންމާފަ އެވެ. އަދި "ނިއުޔޯކް ޕޯސްޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ވަނީ ނިއުޔޯކްގެ މަޝްހޫރު މެޑިސަން ސްކޮޔަރ ގާޑަންގައި ޝޯތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ހެރީ އެނބުރި އަންނަ ކަމުގެ ފުރަތަމަ އިޝާރާތެއް ދީފައިވަނީ މިދިޔަ ޑިސެމްބަރު 27 ގައެވެ. އެ ދުވަހު ޔޫޓިއުބްގައި އާންމުކުރި "ފޯއެވަރ، ފޯއެވަރ" ނަމަކަށް ކިޔާ 8 މިނެޓުގެ ވީޑިއޯގެ ނިމުމުގައި ސްޓައިލްސް ޕިއާނޯއެއް ކުޅެމުންދާއިރު "ވީ ބިލޯންގް ޓުގެދަރ" މި ލިޔުން ފެންނަން އިނެވެ. މި އިބާރާތަކީ އޭނާގެ ކުރީގެ ޝިއާރު ކަމަށްވާ "ޓްރީޓް ޕީޕަލް ވިތް ކައިންޑްނަސް" ފަދައިން އޭނާގެ މިޒާޖާ ވަރަށް ގުޅޭ ޝިއާރެކެވެ.

ސަޕޯޓަރުން މިހާރު މިކަމާ ގުޅޭގޮތުން ކެތްމަދުވެފައިވާއިރު ރެޑިޓް ފަދަ ޕްލެޓްފޯމްތަކުގައި ބައެއް މީހުން ލަފާކުރާ ގޮތުގައި، އާ ލޯގޯގައި ހިމެނޭ 12 ތީރަކީ އަލްބަމްގައި ހިމެނޭ 12 ލަވައެވެ. އަދި ޕޯސްޓަރުތަކުގައި ހުރި "ލެޓް ދަ ލައިޓް އިން" އަދި "ހިއަރ ވީ ގޯ އެގެއިން" ފަދަ ޢިބާރާތްތަކަކީ ލަވަތަކުގެ ނަން ކަމަށް ވެސް ބައެއް މީހުން ލަފާކޮށްފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%