އެސްޓީއޯ ފާމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

މުހައްމަދު ޖަމްޝަތު | 1 ދުވަސް ކުރިން - 13 ޖެނުއަރީ 2026 16:04
އެސްޓީއޯ ހެންވޭރު ފާމަސީ. އެސްޓީއޯގެ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން--- ފޮޓޯ: ޚުލާސާ
އެސްޓީއޯ ހެންވޭރު ފާމަސީ. އެސްޓީއޯގެ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން--- ފޮޓޯ: ޚުލާސާ
ޚުލާސާ

އެސްޓީއޯގެ 190 އަށްވުރެ ގިނަ ފާމަސީ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ

އެސްޓީއޯގެ ފާމަސީތައް ސަރުކާރުގެ ބޭސް ކުންފުނި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެކުންފުނީގެ ފާމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައި އެކަމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި އަންނަ މަހުގެ 15ގެ ނިޔަލަށް ހުރިހާ ފާމަސީތައް ބަދަލުކޮށް ނިމޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން އެސްޓީއޯގެ 190 އަށްވުރެ ގިނަ ފާމަސީ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހި ސަރުކާރު 100 ޕަސެންޓް ހިއްސާވާ އެސްއޯއީ އެކެވެ. މި ކުންފުނި އުފައްދަވާފައިވަނީ، މިދިޔަ އަހަރުގެ 9 ސެޕްޓެމްބަރު 2025 ގަ އެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.

ބޭސް ލިބުން ދަތިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކާއި، ކުރިއެރުން ދަނީ ލިބެމުންނެވެ. ބޭހުގެ މައްސަލަ ހައްލުވެގެން އަންނައިރު ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓު ވެސް އިތުރުކުރެވި ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓު ވެސް ފުޅާވެގެންދާނެ އެވެ.

ބޭހުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ބޭހުގެ ސަޕްލައި ވެސް ސަރުކާރުން ވަނީ ހަރުދަނާކޮށްފަ އެވެ. ރާއްޖެއަށް ބޭސް އެެތެރެކުރާ މިންވަރު އެތަށް ގުނައެއް އިތުރުކޮށްފައިވާއިރު، މީގެ ކުރިން އެސްޓީއޯއިން އެތެރެ ކުރި 200 އެއްހާ ބާވަތުގެ ބޭސް މިހާރު ވަނީ 800އާއި 900 ދެމެދަށް އިތުރުކޮށްފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%