އިންޑިއަން އައިޑަލްގެ ތިންވަނަ ސީޒަން ކާމިޔާބު ކުރި ޕްރަޝާންތު ތަމަންގް މަރުވެއްޖެއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު، ޕްރަޝާންތު ތަމަންގް މަރުވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނިއުދިއްލީގައި ހުންނަ އޭނާގެ ގޭގައި ހިތް ހުއްޓިގެން މަރުވި އިރު އުމުރުން 43 އަހަރެވެ.
ޕްރަޝާންތަކީ ކާމިޔާބު ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓިންގެ ދާއިރާއިން ވެސް އޭނާގެ ހުނަރު ސާބިތުކޮށްދީފައިވާ ފަންނާނެކެވެ.
ޕްރަޝާންތު ކުޅެފައިވާ ވެބް ސީރީޒް "ޕާޓަލް ލޯކް 2"ގައި އޭނާ ދެއްކި ހުނަރުގެ ސަބަބުން ވެސް އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ. އޭނާގެ ސާދާ މިޒާޖާއި އާންމުންނާ ގުޅިގެން އުޅުމުގެ ސްޓައިލުން އޭނާ އެހެން ފަންނާނުންނާ ވަރަށް ބޮޑަށް ތަފާތުކޮށް ފެނިގެން ގޮސްފައިވެ އެވެ.
ޕްރަޝާންތު މަރުވުމާ ގުޅިގެން މުޅި އިންޑިއާއިން ތައުޒިޔާގެ އަޑުތައް ވަނީ އުފުލިގެން ގޮސްފަ އެވެ.
ވެސްޓް ބެންގަލްގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ ވެސް ވަނީ އޭނާ މަރުވުމުން ފުން ހިތާމަކުރައްވާކަމަށް ވިދާޅުވެ ޝުއޫރު ފާޅުކުރައްވާފަ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަމްތާ ބެނާޖީ ވިދާޅުވެފައި ވަނީ ޕްރަޝާންތު ތަމަންގްގެ "ކުއްލި މަރުން" އޭނާގެ ހިތް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އިންޑިއަން އައިޑަލް ތިނެއްގެ ރަނަރަޕް އަމިތު ޕޯލް ވެސް ވަނީ އެ ހަބަރު އަދިވެސް ގަބޫލު ނުކުރެވޭ ކަމަށް ބުނެ އިންސްޓަގްރާމްގައި ޖަޒުބާތީ މެސެޖެއް ހިއްސާކޮށްފަ އެވެ.
ޕްރަޝާންތުގެ މަރާއެކު އިންޑިއާގެ މިއުޒިކީ ދުނިޔެއަށް ވަނީ ހަމައެކަނި މުބާރާތްތަކުން މޮޅުވި ފަންނާނެއްގެ އިތުރުން އެތައް މިލިއަން ބައެއްގެ ހިތްތަކުން ޖާގަ ހޯދައިދިން އަޑެއް ގެއްލިފަ އެވެ.
ޕްރަޝާންތަށް ތަރުހީބުދޭ މީހުން އަބަދުވެސް އޭނާ ހަނދާން ކުރާނީ ހުނަރުވެރި ފަންނާނެއްގެ ގޮތުގަ އެވެ.






