އޮސްކާ ކާމިޔާބުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތު، އިންޑިއާގެ ފިލްމީ ދާއިރާ ނުވަތަ ބޮލީވުޑްގައި މަސައްކަތްކުރުމަށް އޭނާގެ ހިތުގައި އޮތް ބޮޑު ޝައުގުވެރިކަން ހާމަކޮށްފިއެވެ. ވިލް ސުމިތު މިކަން ހާމަކުރީ ދާދިފަހުން ދުބާއީގައި ބޭއްވި ނޭޝަނަލް ޖިއޮގްރަފިކްގެ އާ ސީރީޒް "ޕޯލް ޓު ޕޯލް ވިތު ވިލް ސުމިތު" ގެ ޕްރިމިއާ ހަފްލާގަ އެވެ.
ގަލްފް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ވިލް ސުމިތު ބުނީ، ހިންދީ ސިނަމާގެ އެންމެ މަޝްހޫރު ތަރިންނާއެކު މަސައްކަތް ކުރުމާ ގުޅޭގޮތުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން މަޝްވަރާކޮށްފައިވާނޭ ކަމަށެވެ. އިންޑިއާގެ ގިނަ ތަރިންތަކެއް ހޮލީވުޑްގެ ފިލްމުތަކުން ފެނިފައިވީ ނަމަވެސް، ހޮލީވުޑްގެ އޭ-ލިސްޓް ތަރިއަކު ބޮލީވުޑަށް ނުކުތުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން އޭނާ ބުނީ، މީގެ ކުރިން ސަލްމާން ހާނާއެކު ބައެއް މަޝްވަރާތައް ކުރިއަށްދިޔަ ކަމަށެވެ. އަދި އިންޑިއާގެ ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަންއާއެކު ވެސް މަސައްކަތެއް ކުރަން އުޅުނު ކަމަށާއި، އަމީތާބް އޭނާއަށް "ބިގް ޑަބްލިއު" ގެ ނަމުން މުހާތަބުކުރި ކަމަށް އޭނާ ހަނދާން އާކުރިއެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތްތައް އަމަލީ ސިފައެއްގައި މިހާތަނަށް ކުރިއަށް ގޮސްފައެއް ނުވެއެވެ.
މި އިންޓަވިއުގައި ވިލް ސުމިތު ވަނީ ބޮލީވުޑްގެ ކިންގް ޝާހުރުކް ހާނާއެކު މަސައްކަތް ކުރުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއްކަން ހާމަކޮށްފައެވެ. އަދި މަޖާޒީ ގޮތަކަށް، ޝާހުރުކްގެ ފިލްމަކުން އޭނާއަށް ފުރުސަތެއް ދިނުމަށް ވެސް އެދިފައެވެ. ޝާހުރުކް މިހާރު ތައްޔާރުވަމުންދަނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" ކިޔާ ފިލްމަކަށެވެ. މި ފިލްމުގައި ސުހާނާ ހާން، ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން އަދި ޖައިދީޕް އަހްލާވަތު ފެނިގެންދާނެ އިރު، ޝާހުރުކް ފެންނާނީ ވަރަށް ތަފާތު އެކްޝަން ރޯލަކުންނެވެ.
ވިލް ސުމިތުގެ އާ ސީރީޒް "ޕޯލް ޓު ޕޯލް" އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ނޭޝަނަލް ޖިއޮގްރަފިކުން ދައްކަން ފަށާނެއެވެ. މިއީ 100 ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާ ކުރާ ނުރައްކާތެރި ދަތުރުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒްއެކެވެ.






