ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ ވަރުގަދަ ފުލުހެއްގެ ރޯލުން ފެނިގެންދާ "މަރުދާނީ" ސީރީޒްގެ ތިންވަނަ ފިލްމު، މި މަހުގެ 30 ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ނިންމައިފި އެވެ.
މި ފިލްމު ޕްރޮޑިއުސްކުރާ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ޕްރޮޑަކްޝަން ހައުސް، ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އިއްޔެ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފައިވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރާ ވެސް އެކުގަ އެވެ.
"މަރުދާނީ 3" ޑައިރެކްޓްކޮށްފައިވަނީ އަބިރާޖް މިނަވާލާއެވެ. އޭނާއަކީ މީގެ ކުރިން "ވޯ 2" ގެ އެސޯސިއޭޓް ޑައިރެކްޓަރުގެ ގޮތުގައި މަސައްކަތްކޮށްފައިވާ ހުނަރުވެރިއެކެވެ. މީގެ އިތުރުން ވައިއާރުއެފްގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ބޭންޑް ބާޖާ ބާރާތު"، "ސުލްތާން" އަދި "ޓައިގާ 3" ގައިވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.
މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް "ދަ ރެއިލްވޭ މެން" ގެ ލިޔުންތެރިޔާ އާޔުޝް ގުޕްތާ އެވެ. މި ފަހަރުގެ ފިލްމުގެ މައިގަނޑު މައުޟޫއަކީ އަންހެން ކުދިންގެ ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރީގެ ނުރައްކާތެރި މައްސަލަތަކެވެ.
"މަރުދާނީ" ސީރީޒްގެ ފުރަތަމަ ފިލްމު 2014 ވަނަ އަހަރު ރިލީޒްކުރިއިރު، ދެވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އައީ 2019 ވަނަ އަހަރު އެވެ. ކުރީގެ ދެ ފިލްމަކީވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ދެ ފިލްމެވެ. އޭގެ ފަސް އަހަރު ފަހުން މި ސީރީޒްގެ އާ ފިލްމެއް އަންނާތީ ފޭނުން ތިބީ ވަރަށް ބޮޑު އިންތިޒާރެއްގައިކަން ކަށަވްރެވެ.








