ހުޅުމާލޭގައި ހުންނަ މަޝްހޫރު "ދިއްދޫ ހޮޓާ" 15 ދުވަސް ތެރޭގައި ހުސްކޮށް، އެ ތަން ގޭގެ ވެރިފަރާތާ ހަވާލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ދިއްދޫ ހޮޓާ ހުސްކުރަން ކޯޓުން އެންގީ އެ ހޮޓާ ހުންނަ އިމާރާތުގެ ވެރިފަރާތާއި ހޮޓަލުގެ ވެރިފަރާތާ ދެމެދު އެތަން ކުއްޔަށް ނަގަން ވެވުނު އެއްބަސްވުމާ މެދު ހިލާފު އުފެދިގެން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ.
ދިއްދޫ ހޮޓަލުގެ ކުލީގެ އެއްބަސްވުމާ މެދު ހިލާފު އުފެދިގެން ފުރަތަމަ މައްސަލައެއް ބެލީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުންނެވެ. މި މައްސަލަ އެ ކޯޓަށް ހުށަހެޅީ ދިއްދޫ ހޮޓާ ހުންނަ "ގުޑްވިލް" އިމާރާތުގެ ވެރިފާރާތް، ނައީމާ އާދަމެވެ.
ނައީމާ ކޯޓުގައި ބުނީ، އޭނާގެ އިމާރާތުގެ އެންމެ ތިރީ ބުރީގައި ހޮޓާ ހިންގަމުން އަންނަނީ އޭނާގެ ހުއްދައެއް ނެތި ކަމަށާއި ހޮޓާ ހިންގަން ހޮޓަލުގެ ވެރިފަރާތާއެކު ވެފައިވާ އެއްބަސްވުމަކީ ޑިސެމްބަރު 31، 2023 ގައި މުއްދަތު ހަމަވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވީ ނަމަވެސް، އޭރު ނަސީރަށް ތަނުން ނުކުމެވެން ނެތުމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އިމާރާތް ބޭނުންކުރަން ހުއްދަ ދިން ކަމަށް ނައީމާ ބުންޏެވެ.
ނަމަވެސް މައްސަލަ ގޯސްވީ ފަހުން ދިން މުއްދަތުގެ ތެރޭގައި ވެސް ހޮޓާ ހުސްކުރަން ހޮޓަލުގެ ވެރިފަރާތުން އެއްވެސް މަސައްކަތެއް ނުކުރުމުންނެވެ.
މި މުއްދަތަށް ތަން ހުސްނުކުރުމުން ނައީމާ ވަނީ ތިން މަަސް ދުވަހުގެ ތެރޭގައި ތަން ހުސްކުރަން ލިޔުމުން ނަސީރަށް އަންގާފަ އެވެ. ނައީމާ ބުނީ، މި ތިން މަސް ދުވަސް ހަމަވީ ފަހުން ތަނުގެ ކުލި ވެސް ނުލިބޭ ކަމަށެވެ.
މި މައްސަލައިގެ ރައްދުގައި، ހޮޓަލުގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާ ބުނީ ތަން ބޭނުންކުރަމުން އަންނަނީ ކުލި މުއްދަތު އިތުރު ތިން އަހަރަށް ދައްމާލަން އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މުއްދަތު ހަމަނުވަނީސް އެތަން ހުސްކުރަން ވެރިފަރާތުން އަންގާފައިވާތީ އެ އެންގުމަކީ އެއްބަސްވުމާ ހިލާފު އެންގުމެއް ކަމަށް ކަނޑައެޅުމަށާއި އެ މުއްދަތުގެ ކުރިން ތަން ހުސްކުރަން ޖެހޭނަމަ، ހޮޓާ ހިންގަން ކޮށްފައިވާ އިންވެސްޓްމެންޓަށް ބަދަލު ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
ހޮޓަލުގެ ވެރިފަރާތުން ކޯޓުގައި ބުނީ އޭނާއަށް އަނގަބަހުން ޔަގީންކަން ދިން މީހަކީ ނައީމާގެ ފިރިމީހާ، އިދްރީސް ކަމަށެވެ.
ކޯޓުން މައްސަލަ ނިންމުމުގައި އެންމެ ބޮޑަށް ބެލީ، ނައީމާގެ ފަރާތުން އެއްބަސްވުމާ ގުޅޭ ކަންކަމުގައި މުއާމަލާތްކުރުމުގެ ބާރު އިދްރީސް ކިޔާ މީހަކަށް ދީފައިވާކަން ސާބިތުވޭތޯ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ނައީމާގެ ފަރާތުން އިމާރާތް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން މުއާމަލާތްކުރުމުގެ ބާރު އިދްރީސްއަށް ދީފައިވާކަން އެނގޭނެ ހެއްކެއް ހޮޓަލުގެ ވެރިފަރާތުން ހުށަހަޅާފައި ނުވާ ކަމަށާއި އިދްރީސްއަކީ އެ ފަދަ މުއާމަލާތެއް ކުރުމުގެ ބާރު ލިބިގެން ނުވާ މީހެއް ކަމަށެވެ.
އެހެންވެ، އިމާރާތުގެ ވެރިމީހާގެ ނުރުހުމުގައި އެތަން ބޭނުން ކުރުމުގެ ހައްގު ހޮޓަލުގެ ވެރިފަރާތަށް ނެތް ކަމަށް ކަނޑައަޅައި، 15 ދުވަސް ތެރޭގައި އެ ތަން ބިމުގެ ވެރިފަރާތާ ހަވާލުކުރަން ހުކުމުގައިވަނީ އަންގައިފަ އެވެ.
އަދި ކުލި މުއްދަތު އިތުރުކުރަން އެއްބަސްވެފައިވާ ކަން ސާބިތުނުވާތީ ކޯޓުން ވަނީ އިމާރާތް މަރާމާތުކުރަން ހޮޓަލުގެ ވެރިފަރާތުން ހަރަދު ކުރި ފައިސާ އާއި ވިޔަފާރި ހުއްޓާލަން ޖެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށްވެސް ކަނޑައަޅާފަ އެވެ.






