އީރާނުގެ ރައްޔިތުން އެގައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫން ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިރާނުން ރައްދު ދީފި އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާންގެ ރައްޔިތުން މަގުތަކަށް ނުކުމެ ތިބީ އެތައް ޒަމާނެއްވީ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުންނަކީ މުސްލިމުން ކަމަށްވާއިރު މުސްލިމުންނާއި ބައިނަލްއަގުވާމީ މުޖުތަމައު އިން ތިބެން ޖެހޭނީ އެ ރައްޔިތުންނާ އެކު ކަމަށާއި އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ ޕޯސްޓަށް ރައްދު ދީ ލަންކާގަ ހުންނަ އިރާނުގެ އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުން ބުނީ، މިދިޔަ އަހަރުގެ ޖޫން މަހު އީރާނުގެ 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގެ ތެރޭގައި، ޒަޔަނިސްޓުން އިރާނުގެ ސިޓީތަކާއި، އާންމު ރައްޔިތުންނާއި، އާބަން އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތައް ދީފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހާހަކަށްވުރެ ގިނަ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ޝަހީދުވި ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
އަދި ޒަޔަނިސްޓް ބާރުތަކުން ދިން އިންސާނިއްޔަތާ ހިލާފު އަދި އަހުލާގީ ގޮތުން ދަށުދަރަޖައިގެ ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ސާބިތުކަން ދެއްކި ކަމަށާއި ނަމަވެސް އެމެރިކާ ސަރުކާރުން އެ ހަމަލާތަކަށް ސީދާ އެއްބާރުލުން ދިނުމުގެ ސަބަބުން، އީރާނުގެ މަގުތައް ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލައި، އާންމު ސަލާމަތަށް ބުރޫ އަރާ ގޮތަށް ހަމަނުޖެހުން އިތުރުވެގެން ދިޔަ ކަމަށްވެސް އެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން މިހާރު އިރާނުގައި ހިނގާ ހަމަނުޖެހުންތަކުގައި އިރާނުގެ ކުޑަކުދިންނާއި އަންހެނުންނާއި ކުށެއް ނެތް އާންމުން ވަނީ މޮސާޑާއި ގުޅުން އޮންނަ ޖަމާއަތްތަކުން ހިންގި ޓެރަރިސްޓް އަމަލުތަކުގެ ޝިކާރައަކަށްވެފައި ކަމަށާއި އެ ހަަމަލާތަކުގައި މިސްކިތްތަކުގައި ރޯކޮށް، ހޮސްޕިޓަލްތައް ސުންނާފަތިކޮށް، މަގުތަކާއި މާރުކޭޓުތަކުގައި ތިބި އާންމު މީހުންނަށް ހަމަލާދީ، މެޓްރޯ ސްޓޭޝަންތަކާއި ބޭންކުތަކަށް ގެއްލުންދީފައިވާކަމަށް އެ ގައުމުން ނަޝީދަށް ދިން ރައްދުގައި ބުންޏެވެ.
އިރާންގެ އެމްބަސީން ވަނީ މި ހާލަތުގައި، ނަޝީދު ހުންނެވީ ކޮން ފަރާތެއްގައި ތޯ ސުވާލުކޮށްފަ އެވެ.
އިރާންގެ ރައްޔިތުން މަގުތަކަށް ނުކުމެ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާއިރު އެ ގައުމުގެ އެކި ސިޓީތަކަށް މި މުޒާހަރާ ފުޅާވެ ގިނަ ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހާރާގައި، މުޒާހަރާކުރާ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި މަދު މީހަކު ނަމަވެސް ވަނީ މަރުވެފަ އެވެ.
އީރާނުގެ އިގްތިސާދީ ހާލަތު ގޯސްވެފައި މި ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އެކަން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ހަރުކަށި އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މުޒާހަރާކުރާ މީހުންނަށް ހަމަލާދޭ ނަމަ، އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފަ އެވެ.






