ލޯކަލް ކައުންސިލް އިންތިހާބަށް އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނު ކުރަން މާދަމާ ފަށަނީ

އައިޝަތު ރުވާ ރިފްޢަތު | 14 ދުވަސް ކުރިން - 10 ޖެނުއަރީ 2026 20:50
ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް އީސީ އޮފިޝަލުން ކުރަނީ--- ފޮޓޯ:އިލެކްޝަންސް ކޮމިޝަން
ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް އީސީ އޮފިޝަލުން ކުރަނީ--- ފޮޓޯ:އިލެކްޝަންސް ކޮމިޝަން
ޚުލާސާ

އަތޮޅުތެރޭގެ ތަމްރީނުތައް މާދަމާ ފަށާއިރު، މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އަތޮޅުތެރޭގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މާދަމާ ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެ އެވެ.

މި ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށްޓަކައި އަތޮޅުތަކަށް ދަތުރުކުރާ ޓްރެއިނަރުން މިހާރު ވަނީ ފުރަން ފަށާފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސަލާހް ވިދާޅުވީ މި ތަމްރީނުތަކުގެ ސަބަބުން އިންތިހާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އޮފިޝަލުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ސަލާހް ވިދާޅުވީ، މިފަދަ ތަމްރީނު ޕްރޮގްރާމުތަކަކީ ރައްޔިތުންގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. "މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެންޑިޑޭޓުންގެ ހައްގުތަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ،" ސަލާހް ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް ފަހަރު މީޑިއާތަކުގައި މައުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް އޮފިޝަލުން ސަމާލުވުމަށްވެސް ސަލާހު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މިގޮތުން، މި އިންތިހާބުގެ އެކި މަސައްކަތްތަކަށް ޖުމްލަ 7,000 އޮފިޝަލުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް ކުރިއަށްގެންދިއުމުގައި މާލެ އާއި އަތޮޅުތެރޭގައި ޖުމްލަ 95 ޓްރެއިނަރުން ހަރަކާތްތެރިވާނެ އެވެ. އަތޮޅުތެރޭގެ ތަމްރީނުތައް މާދަމާ ފަށާއިރު، މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުކަމަށް ކޮމިޝަނުން ފާހަގަކުރި އެވެ.

މި ތަމްރީނުތަކުގެ ތެރޭގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ކުރިއަށްގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް ފުރިހަމަ މައުލޫމާތު ދޭނެ ގޮތުގެ ތަފްސީލު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތާއި ވޯޓު ގުނުމުގެ މަސައްކަތްތައް އަމަލީ ގޮތުން ކުރިއަށްގެންދާނެ ގޮތް އޮފިޝަލުންނަށް ދަސްކޮށްދެވޭނެކަމަށް ވެސް އެ އިދާރާއިން ހާމަކުރެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%