ޓިކްޓޮކް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ޖޯޑު، ކްރިސްޓީ ސްކޮޓް އާއި ޑެސްމަންޑް ސްކޮޓުގެ 11 އަހަރުވީ ކައިވެނި ރޫޅާލުމަށް ކޯޓަށް ހުށަހަޅައިފި އެވެ.
"ދަ ސްކޮޓްސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ދެމަފިރިންނަކީ މަދަރުސީ ދައުރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައެކެވެ. އުމުރުން އެންމެ 14 އަހަރުގައި ފެށި މި ގުޅުން ކައިވެންޏަކަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އެމެރިކާގެ ޓެކްސަސްގެ ހިއުސްޓަންގައި ދިރިއުޅެމުންދާ މި ދެމަފިރިންގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ.
ޓީއެމްޒީން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުގައި، ކްރިސްޓީ ވަރިވާން ހުށަހެޅި މައިގަނޑު ސަބަބަކީ ފިރިމީހާ ޑެސްމަންޑް އޭނާއަށް ބޭވަފާތެރިވެ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅުން ބޭއްވުމުންނެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމާއެކު މިހާރު މި ދެމަފިރިން ދިރިއުޅެމުންދަނީ ވަކިންނެވެ.
އިންސްޓަގްރާމާއި ޓިކްޓޮކް ފަދަ ވަސީލަތްތަކުގައި މި ދެމަފިރިންނަކީ ވަރަށް ހަރަކާތްތެރި ބައެކެވެ. އެމީހުންގެ އާއިލީ ދިރިއުޅުމާއި، ގެދޮރު އިމާރާތްކުރުމުގެ މަސައްކަތްތަކާއި، އަދި މަޖާ ތަފާތު ވީޑިއޯތަކުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ. ވަކިން ހާއްސަކޮށް ކްރިސްޓީގެ ފެޝަން ޑިޒައިންތަކާއި، ޑެސްމަންޑް ތައްޔާރުކުރާ ކެއުންތަކަކީ ފޮލޯވަރުންގެ މެދުގައި ވަރަށް މަގުބޫލު ކަންކަމެވެ.
މި ދެމަފިރިން އެކުގައި އެންމެ ފަހުން ވީޑިއޯއެއް އާންމުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގައި އެވެ. އޭގެ ފަހުން ދެމަފިރިންގެ ގުޅުން ގޯސްވެ، ވަކިވާން ނިންމި ހަބަރަކީ އެމީހުންގެ އެތައް ފޮލޯވަރުންނާއި ފޭނުންނަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ.






