ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާ ބޯޓު ދަތުރު ކުރުމުގައި އަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފި އެވެ.
އެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، ރާއްޖޭގެ ވައިގެ ނިޔަމިކަމުގެ ހިދުމަތް ދޭން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން އެކުންފުންޏަށް ލާޒިމުކުރާ ކަމެކެވެ.
އެގޮތުގެ މިފަދަ ކޮންމެ ހާލަތެއް މެދުވެރިވާ ހިނަދު ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާ ބޯޓު ދަތުރު ކުރުމުގައި އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަ ކަމަށާއި އޭގެ ތެރެއިން އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން އެންގުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ ދުރުފެންނަ މިންވަރު ފަސް ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން، މީގެ ކުރިންވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލު ކަމަށެވެ.
އަދި މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ބައެއް ފަހަރު ވީއެފްއާރު ވަގުތީ ގޮތުން މަޑުޖައްސާލައި އެސްވީއެފްއާރު ބޭނުންކުރެވެމުން އަންނަ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައްކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.






