އިސްރާއީލުގެ އެޖެންޓުން މިހާރު އީރާނުގައި ހަރަކާތްތެރިވާކަން އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރު އަމިޗައި އެލިޔާހޫ ހާމަކުރައްވައިފިއެވެ.
އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި އިލިޔާހޫ ވަނީ މިދިޔަ އަހަރު އީރާނުގައި އިސްރާއީލުން ހިންގި އޮޕަރޭޝަންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް، އެ މިޝަން އަދިވެސް ނުނިމޭ ކަމަށާއި “ޙަރަކާތްތައް ކުރިއަށްދާ” ކަމަށް ބުނެފައެވެ.
އީރާނުގައި މެދުނުކެނޑި މުޒާގަރާތައް ކުރަމުންދާތާ މިއަދަށް މިވީ 13 ވަނަ ދުވަހެވެ. މުޒާހަރާގައް ވަރުގަދަވެ، މަރުވި މީހުންގެ ޢަދަދު ވެސް 40 އަށް އަރާފައިވާއިރު، ތެހެރާނު ބާޒާރު ސަރަޙައްދުގައި ފެށި މި މުޒާހަރާތައް މިހާރު ވަނީ 31 ޕްރޮވިސްންސެއްގެ 111 ސިޓީ އާއި 340 ޓައުން އަކަށް ފެތުރިފައެވެ. 2000 އަށް ވުނެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އިސްރާއީލުގެ މިނިސްޓަރު ބުނީ، މިދިޔަ އަހަރު އީރާނަށް ޙަމަލާ ދިންއިރު، އިސްރާއީލުގެ އެޖެންޓުން ތިބީ އީރާނުގެ ސަރަޙައްދުގައި ކަމަށާއި ޙަމަލާ ދޭނެ ތަންތަން ހޯދީ ވެސް އިސްރާއީލުގެ އެޖެންޓުން ކަމަށެވެ.
“އަހަރެން ޔަޤީންކޮށް އަރުވަން، އިސްރާއީލުގެ އެޖެންޓުން މިވަގުތު އެތަނުގައި (އީރާނުގައި) ވަރަށް ވަރުގަދަޔަށް ދަނީ މަސައްކަތް ކުރަމުންކަން." އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރު ބުންޏެވެ.
އީރާނުގެ އެތެރޭގެ ހާލަތަށް އިޝާރާތް ކުރަމުން އޭނާ ބުނީ އެމީހުންގެ މަގުސަދަކީ އީރާނުގެ ވެރިކަން ވައްޓާލުން ނޫން ކަމަށާއި، އެހެން ހުރިހާ ގޮތަކުން އީރާނަށް އިންޒާރު ދިނުމަށެވެ.
އޭނާ ބުނީ އީރާނުން ހަމާސް އާއި އިސްލާމިކް ޖިހާދުގެ މެންބަރުންނަށް ވެސް އެހީވާ ކަމަށާއި، އެކަމުގެ ހިތި އީރާނުން މިހާރު ދެކެމުންދާ ކަމަށެވެ.
ޒައެނިސްޓުން އީރާނުގެ އެތެރޭގައި ހަޅުތާލުކޮށް ފިތުނަ އުފައްދަމުންދާއިރު، އީރާނުގެ ސަރުކާރުން ވަނީ މި މުޒާހަރާތައް ފެށުމުގެ ކުރިން އިސްރާއީލަށް މަސައްކަތް ކޮށްދޭ ގިނަ އެޖެންޓުންތަކެއް ހައްޔަރު ކޮށްފައި ކަން ވެސް ފާހަގަ ކުރެވެއެވެ.






