އީރާނުގައި ޑިސެންބަރު ފަހުކޮޅުން ފެށިގެން ކުރިޔަށްދާ މުޒާހަރާތަކަށް މިއަދު 13 ދުވަސް ވީ އިރު، މުޒާހަރާގައް ވަރުގަދަވެ، މަރުވި މީހުންގެ ޢަދަދު 40 އަށް އަރައިފިއެވެ.
ތެހެރާނު ބާޒާރު ސަރަޙައްދުގައި ފެށި މި މުޒާހަރާތައް މިހާރު ވަނީ 31 ޕްރޮވިސްންސެއްގެ 111 ސިޓީ އާއި 340 ޓައުން އަކަށް ފެތުރިފައެވެ. 2000 އަށް ވުނެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އީރާނުގެ މަގުމަތީގައި ކުރިޔަށްދާ މުޒާހަރާތަކުގައި ވެހިކަލްތަކުގައި ހުޅުޖެހުމުން ދުން އަރާ މަންޒަރު
މުޒާހަރާތައް ހުއްޓުވުމަށް އީރާނުގެ ސަލާމަތީ ބާރުތަކުން ދަނީ އާންމުންނާއި ވަރަށް ވަރުގަދަޔަށް ކުރިމަތިލަމުން ކަމަށް މަސްދަރުތައް ބުނެއެވެ.
މުޒާހަރާގައި މަރުވި މީހުންގެ ތެރޭގައި އާންމުންނާއި ބަސީޖް މިލިޝިއާގެ މެމްބަރުން ވެސް ހިމެނޭއިރު، އީރާނުގެ ސަރުކާރުން ތުހުމަތު ކުރަނީ މިއީ އެމެރިކާ އާއި އިސްރާއީލުގެ ޖާސޫސުން އަޑީގައި ތިބެގެން އީރާނުތެރެ ގަޑުބަޑު ކުރުމަށް ފެށި މުޒާހަރާތަކެއް ކަމަށެވެ.
އީރާނުގެ ސަރުކާރުން ވަނީ ބައެއް ސަރަހައްދުތަކުގެ އިންޓަނެޓް ވެސް ކަނޑާލާފައެވެ.









