މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަމްބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު މި މަހުގެ ހަ ވަނަ ދުވަހު އާންމުކޮށްފައިވާނެ ކަމަށެވެ.
މި އިންތިހާބުގައި 621 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން އަތޮޅު ތެރޭގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 321 ވޯޓު ފޮއްޓެވެ. މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އީސީން ބުނީ، މި އަހަރުގެ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރެވޭނެ ކަމަށެވެ.
ވޯޓު ފޮށިތަކުގެ ތަފްސީލްތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އެ ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އީސީން އިތުރަށް ބުންޏެވެ.






