ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 295،000 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.
އީސީން ބުނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިހާރު އާންމުކޮށްފައިވާ ކަމަށެވެ. އަދިހަމަ އެހެންމެ، މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން މިކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
އީސީން ބުނީ، ދިވެހި ސަރުކާރުގެ ގެޒެޓު އަދި އެ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ރަޖިސްޓަރީ ޗެކްކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނުގެ މައި ޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނި އިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި، އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
އީސީން އިތުރަށް ބުނީ، ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 294,937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.






