ދިވެހި ސަރުކާރާއި ލަންކާ ހޮސްޕިޓަލާ އެކު ވެފައިވާ އެއްބަސްވުން އާ ނުކުރެވި އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
ސްރީ ލަންކާގެ ލަންކާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން، އާސަންދައިގެ ފަރުވާ ހޯދާ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ އެއްބަސްވުންތައް މީގެ ކުރީ ފަހަރުތަކުގައި އާކުރި ނަމަވެސް، މި ފަހަރު ދެ ފަރާތުން ވެސް ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން އެއްބަސްވުން އާ ނުކުރެ އެވެ. އެހެން އެ ހޮސްޕިޓަލުން ވަނީ އާސަންދައިގެ ހިދުމަތް މެދުކަނޑާލާފަ އެވެ.
އެނގިފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލަށް އާސަންދަ ކުންފުނިން ދައްކަންޖެހޭ 70 މިލިއަނެއްހާ ރުޕީސް އޮތީ ނުދައްކަ އެވެ.
އާސަންދަ ކުންފުނީގެ އެމްޑީ އާމިނަތު ޒީނިޔާ ވިދާޅުވެފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލުން އާސަންދަ ހުއްޓާލި ނަމަވެސް އެ ގައުމުގައި އާސަންދަ ލިބޭ އެހެން ހޮސްޕިޓަލްތަކުން ދިވެހިންނަށް ހިދުމަތް ލިބޭނެ އެވެ.
ދިވެހިން ފަރުވާއަށް ފޮނުވަން އާސަންދައިން ވަނީ ބޭރުގެ 60 ހޮސްޕިޓަލަކާއެކު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ލަންކާގެ އަށް ހޮސްޕިޓަލެއް އޭގެ ތެރޭގައި ހިމެނެ އެވެ.
އާސަންދައަށް ކުރާ ހޭދަ ކޮންޓްރޯލް ނުކުރެވި އަހަރުން އަހަރަށް ދަނީ އެތައް މިލިއަން ރުފިޔާ އިތުރުވަމުންނެވެ. އާސަންދަ އޮފީހުގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުން ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި އާސަންދައިން 16 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން މިހާރު މިދާ ރޭޓުން ހަރަދުތައް މައްޗަށްދާނަމަ 2027 ވަނަ އަހަރު އާސަންދަ ބަޖެޓް ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު %62 ގެ ބޮޑު އިތުރުވުމެކެވެ.










