"އެވެޓާ 3" އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް: ކެމަރަންގެ ކާމިޔާބީއަށް އާ ބޮޅެއް

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 7 ޖެނުއަރީ 2026 18:55
"އެވެޓާ"ގެ ތިންވަނަ ފިލްމު "އެވެޓާ: ފަޔާ އެންޑް އޭޝް"ގެ ޕޯސްޓަރު.
"އެވެޓާ"ގެ ތިންވަނަ ފިލްމު "އެވެޓާ: ފަޔާ އެންޑް އޭޝް"ގެ ޕޯސްޓަރު.
ޚުލާސާ

"އެވެޓާ: ފަޔާ އެންޑް އޭޝް" ވެފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ހަތަރުވަނަ ފިލްމު.

ހޮލީވުޑްގެ މަޝްހޫރު ފެންޓަސީ ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ފިލްމު "އެވެޓާ: ފަޔާ އެންޑް އޭޝް" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މި ފިލްމު އުފެއްދި ވޯލްޓް ޑިޒްނީ ސްޓޫޑިއޯސް އިން މިދިޔަ އާދިއްތަ ދުވަހު ހާމަކުރި ގޮތުގައި، ފިލްމުގެ ޓިކެޓު ވިއްކައިގެން މިހާތަނަށް 1.03 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ 400 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

"އެވެޓާ: ފަޔާ އެންޑް އޭޝް" ވެފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ހަތަރުވަނަ ފިލްމަށެވެ. މީގެ ކުރިން މިދިޔަ އަހަރު ބިލިއަން ޑޮލަރުގެ ކާމިޔާބީ ހޯދާފައިވަނީ ޑިޒްނީގެ "ލީލޯ އެންޑް ސްޓިޗު" އާއި "ޒޫޓޯޕިއާ 2" ގެ އިތުރުން ޗައިނާގެ އެނިމޭޓެޑް ފިލްމު "ނެ ޒާ 2" އެވެ.

މި ކާމިޔާބީއާއެކު "އެވެޓާ" ފްރެންޗައިޒްގެ ތިން ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 6.35 ބިލިއަން ޑޮލަރަށް އަރާފަ އެވެ. "އެވެޓާ"ގެ ފުރަތަމަ ދެ ފިލްމަށްވެސް ވަނީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އެގޮތުން 2009 ވަނަ އަހަރު ނެރުނު ފުރަތަމަ ފިލްމަށް 2.9 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިއަދާ ހަމައަށްވެސް ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑެވެ. އަދި 2022 ގެ ދެވަނަ ފިލްމަށް 2.3 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

މި ފިލްމަކީ ޑައިރެކްޓަރު ޖޭމްސް ކެމަރަންގެ ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ހަތަރުވަނަ ފިލްމެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ޑައިރެކްޓަރަކަށް މިހާތަނަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ. ކެމަރަން އެންމެ ފުރަތަމަ ބިލިއަން ޑޮލަރުގެ ރެކޯޑެއް ހެދީ 1997 ވަނަ އަހަރު ނެރުނު "ޓައިޓޭނިކް" އިންނެވެ.

"އެވެޓާ"ގެ ތިންވަނަ ފިލްމަށް ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، ކުރީގެ ދެ ފިލްމެކޭ އެއްފަދައިން ދެ ބިލިއަން ޑޮލަރުގެ އިން ހުރަސްކުރެވިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ޖުމްލަ ފަސް ފިލްމުގެ މައްޗަށް އެކުލެވޭ މި ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު އަންނަ އަހަރު ޝޫޓް ކުރަން ތާވަލުކޮށްފައިވާއިރު، މި ބައި ބެލުންތެރިންނަށް ފެންނާނީ 2029 ވަނަ އަހަރުގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%