ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ގ.އާބިން، ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަނު ކުރައްވައިފި އެވެ.
ޑރ. އާއިޝަތު ރަމީލާ އެޗްއާރްސީއެމްގެ ރައީސްގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގަ އެވެ. އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާއެއްގަ އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ، އައްޔަންކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ޑރ. ރަމީލާއަކީ، އެގްރިކަލްޗާ މިނިސްޓްރީއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ނަމަވެސް ސިއްހީ ސަބަބުތަކާ ހުރެ 1 ޑިސެންބަރު 2024 ގައި އެކަމަނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެޗްއާރުސީއެމްގެ ގާނޫނު ބުނާގޮތުން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.
މިހާރު އެޗްއާރުސީއެމްގައި ތިއްބަވަނީ ޖުމްލަ ފަސް މެންބަރުންނެވެ. އެއީ ޑރ. އައިޝަތު ރަމީލާގެ އިތުރުން، ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަފީގް މަހުމޫދާއި، މެންބަރު ސަމާއު އަހުމަދު ނަޖީބާއި، އިސްމާއިލް ހަބީބު އަދި އަހްމަދު މަގުސޫމެވެ.






