މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ރަސްމާލޭ މަޝްރޫއުގެ ދަށުން މިހާތަނަށް ސައިޓް އޭ އިން 64 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ޖުމްލަ 138 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން 64 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ. ރަސްމާލޭ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ ފުރުތަމަ ދުވަހު އެވެ.
ރަސްމާލޭ ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރޭގައި ހިމެނޭ، 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ 'ކްރިސްޓޯބަލް ކޮލޯން' ބޭނުންކޮށްގެނެވެ. މި ޑްރެޖަރު އޮޕަރޭޓް ކުރަނީ "ޖޭން ޑެ ނަލް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
ދުނިޔޭގެ އެންމެ ފުރުތަމަ އިކޯ ސިޓީގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެ ހިއްކައި ނިމުމާއެކު މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ. އެގޮތުން މަޝްރޫއުގެ ދަށުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ގޯއްޗާއި ފްލެޓް ހަމަޖައްސަވައިދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ އިތުރުން އެމްއޭސީއެލް އިން އަންނަނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 49 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފަ އެވެ.






