އިސްރާއީލުން އެއްބަސްވުމާއި ޚިލާފުވެ ލުބުނާނަށް ޙަމަލާދީފިއެވެ. ލުބުނާނުގެ ދެކުނަށް ޔަހޫދީ އަސްކަރިއްޔާ އިން ދިން މި ވައިގެ ހަމަލާތަކުގައި ދެ މީހަކު މަރުވެ ތިންމީހުން ޒަހަމްވި އިރު އިސްރާއީލުން މި ޙަމަލާ ދީފައި ވަނީ ޑްރޯން ބޭނުން ކޮށްގެންނެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާ އިން ބުނީ އިޒްރޭލުގެ މަތިންދާބޯޓަކުން ވަނީ ޢާންމުން ދިރިއުޅޭ ތިންބުރީގެ އިމާރާތަކަށް ދެފަހަރި މިސައިލް ހަމަލާ ދީފައެވެ.
އެ ހަމަލާގައި އެކަކު ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ސަރުކާރާއި ސިފައިން ހިޒްބުاللهގެ ހަތިޔާރުތައް އަތުނުލައިފި ނަމަ، އެ ގައުމަށް ބޮޑު ހަމަލާއެއް ދީފާނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ދަނޑިވަޅެއްގައެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އަހަރަކަށް ވުރެ ގިނަ ދުވަހު ބޯޑަރު ހުރަސްކޮށް ދިން ހަމަލާތައް ނިމުމަކަށް ގެނައުމަށް ފަހު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ލުބުނާނާއި އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާލާފައެވެ. އޭރު 4،000 އަށް ވުރެ ގިނަ މީހުން މަރުވެ، 17،000 މީހުން ޒަޚަމްވެފައިވެއެވެ.
ހިޒްބުالله އާއި އިސްރާއީލާއި ދެމެދު ހިނގި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރު ޖެނުއަރީ މަހު އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނުން މުޅިން ފައިބާން ޖެހުނު ނަމަވެސް އެ އެއްބަސްވުމަކަށް އިސްރާއީލުން ފުރިހަމަޔަށް ޢަމަލެއް ނުކުރެއެވެ. ޔަހޫދީ ސިފައިން ލުބުނާނުގެ ހުރިހާ ސަރަޙައްދުތަކުން ނުފާބައެވެ.






