ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ބިޕާޝާ ބާސޫ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ. އުފަންދުވަސް ފާހަގަކުރުމަށް ބިޕާޝާ ރާއްޖެއަށް އައުމަކީ މި ފަހުން ވަރަށް ސަމާލުކަމެއް ދީގެން އޭނާ ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރެވެ އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ބިޕާޝާގެ އުމުރުން 47 އަހަރު ފުރޭއިރު، އޭނާ މިފަހަރު އުފަންދުވަސް ފާހަގަކުރަމުންދަނީ ރާއްޖޭގެ ފަސްތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ތާޖް އެގްޒޯޓިކާ ރިސޯޓު އެންޑް ސްޕާގަ އެވެ. ޗުއްޓީގެ އުފާވެރި މަންޒަރުތައް ހިމެނޭ ވީޑިއޯތަކެއް ބިޕާޝާ ވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އެއް ވީޑިއޯއިން ފެންނަނީ ބިޕާޝާ އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އަދި ދަރިފުޅު ދޭވީއާއެކު ރިސޯޓުގެ ގޮނޑުދޮށުގައި މަޖާކޮށް ކުޅޭ މަންޒަރެވެ. މީގެ އިތުރުން ރިސޯޓުގެ ހިތްގައިމު މާހައުލުގައި ސައިތައްޓެއް ހިފަހައްޓައިގެން ހުރެ ހަމަޖެހިލައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އޭނާ ވަނީ އާންމުކޮށްފަ އެވެ.
ބިޕާޝާ އާއި ކަރަން އަކީ ރާއްޖެއަށް ވަރަށް ލޯބިކުރާ ދެމަފިރިންނެވެ. މީގެ ކުރިންވެސް އެކި މުނާސަބަތުތަކާ ގުޅުވައިގެން މި ދެ ތަރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އެގޮތުން އެމީހުންގެ ދަރިފުޅު ދޭވީގެ ދެ އަހަރުގެ އުފަންދުވަސްވެސް ފާހަގަކޮށްފައިވަނީ ރާއްޖޭގެ ފުށިފަރު މޯލްޑިވްސް ރިސޯޓުގައެވެ.
2016 ވަނަ އަހަރު ކައިވެނިކުރި މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ ކައިވެންޏަށް ހަ އަހަރު ފަހުން 2022 ވަނަ އަހަރުއެވެ. ބިޕާޝާގެ ފިލްމީ ހަޔާތަށް ބަލާއިރު، އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު ނުކުތް "ވެލްކަމް ޓު ނިއުޔޯކް" އިންނެވެ. ކައިވެންޏަށްފަހު ބިޕާޝާ ވަނީ ފިލްމީ ދާއިރާއާ ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލާފަ އެވެ.






