ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަންނަ ހަފުތާ އަށް ނިންމަން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހު 46 މެންބަރުންގެ ވޯޓުން ބަލައިގަނެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވި އެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ގާނޫނުއަސާސީގެ އިސްލާހު މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން ވަނީ ފާސްކޮށްފަ އެވެ. ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން ނިންމީ ވެސް އެ ދުވަހުގެ ނިޔަލަށެވެ. އެއީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.
ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން ފޮނުވި އިސްލާހުގެ މަސައްކަތް މިއަދު ފެށީ ވެސް ޗުއްޓީގައި އޮތް މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ. ޖަލްސާގައި މަދު މެމްބަރުން ބައިވެރިވިއިރު، އިސްލާހާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ. އެއީ މިއަދުގެ މަޖިލީހަށް ހާޒިރުވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
ބިލަށް ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމުން 80 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެ އެެވެ.
ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ބިލާ އެއްކޮޅަށް ވާހަކަ ދެއްކިއިރު އެމްޑީޕީން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފަ އެވެ. ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީން ދެކޮޅު ހަދާކަން ހާމަކުރެއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ. ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީން ދެކޮޅު ކަމަށް ޣަފޫރު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެ ބަދަލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ގާނޫނު އަސާސީ އިސްލާހުކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިމްތިހާބު އެއްކޮށްލަން ފަލާހު ހުށަހެޅި މި ބިލުގެ މަގުސަދެއްކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިހާބުތައް އެކުގައި ބާއްވަން ކަނޑައެޅުން ކަމަށެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.






