އެމެރިކާ ސިފައިން ވެނެޒުއެލާގެ ވެރިރަށް ކަރަކާސްގެ އެކި ތަންތަނަށް ބޮން އަޅައި އަދި ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ހައްޔަރުކޮށްގެން ނިއުޔޯކަށް ގެންދިޔުމާއި އެކު ވެނެޒުއެލާ ބައިބައި ވެއްޖެއެވެ.
2013 ވަނަ އަހަރުން ފެށިގެން ވެރިކަން ހިންގަމުންދާ މަދޫރޯ ހައްޔަރުކުރުމާއި އެކު އެއްބަޔަކު އުފާފާޅުކުރާއިރު މަދޫރޯގެ ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރަމުންނެވެ.

އެމެރިކާގެ ޢަމަލުތަކާއި ދެކޮޅަށް ވެނެޒުއެލާގައި މަދޫރޯގެ ސަޕޯޓަރުން އަޑުއުފުލަނީ
އަނެއްކޮޅުން ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ވަނީ މަދޫރޯގެ މަޤާމާއި ޙަވާލުވުމަށް ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް އަށް އަމުރު ކުރައްވާފައެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި ވެނެޒުއެލާގެ ސިފައިން ވެސް ވަނީ ބައިބައިވެފައެވެ. ނަމަވެސް އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ޢަމަލު ކުށްވެރިކޮށް، އެއީ ވެނެޒުއެލާގެ ޤައުމީ އިސްތިޤުލާލަށް ދިން ޤާނޫނާއި ޚިލާފު ޙަމަލާއެއް ކަމަށް ބުނެފައެވެ.
މެކްސިކޯ، ބްރެޒިލް، އީރާން އަދި އެފްރިކަން ޔޫނިއަން ފަދަ އެކުވެރި ސަރުކާރުތަކުން ވަނީ އެމެރިކާގެ ޙަމަލާތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް ވެމެޒުއެލާގެ އެތެރޭގައި އުފާ ފާޅުކުރަމުންދާ ފަރާތްތަކުން ވަނީ އެމެރިކާ އަށް ތަޢުރީފް ކޮށްފައެވެ. އަދި މަދޫރޯގެ ޚުދުމުޚުތާރު ވެރިކަން ނިމުމަކީ ޤައުމަށް ލިބުނު ކާމިޔާބީއެއް ކަމަށް އެމީހުން ބުނެއެވެ.
އެމެރިކާގެ ބައެއް ހިސާބުތަކުގައި ދިރިއުޅޭ ވެނެޒުއެލާގެ ހިޖުރަވެރިން ވެސް ވަނީ އެމެރިކާގެ މި އޮޕަރޭޝަނަކީ މިނިވަންކަމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބުނެ ތަޢުރީފު ކޮށްފައެވެ.






