އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިވެ، އިންފްލޭޝަން މަތިވުމާއި ގުޅިގެން، އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި އަނެއްކާވެސް އިތުރު 3 މީހުން މަރުވެ، މިހާތަނަށް މަތުވި މީހުންގެ އަދަދު 7 އަށް އަރައިފިއެވެ.
މި މުޒާހަރާތަކަށް މިއަދަށް ވިދިވިދިގެން ހަވަނަ ދުވަސް ވެފައިވާއިރު އީރާނުގެ ސަލާމަތީ ބާރުތަކުން ދަނީ އާންމުންނާއި ވަރަށް ވަރުގަދަޔަށް ކުރިމަތިލަމުން ކަމަށް ހުޅަނގުގެ މަސްދަރުތައް ބުނެއެވެ.
އީރާނުގެ ދިހަވަރަކަށް ސިޓީގައި މުޒާހަރާތައް ކުރަމުންދާއިރު މިކަން ފުރަތަމަ ފެށިގެން އައީ ތެހެރާނުގެ ގްރޭންޑް ބާޒާރާއި ތެހެރާނުގެ އެކި ހިސާބުތަކުންނެވެ.
މުޒާހަރާތަކުގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާއި ދެމެދު އިސްފާހާން ޕްރޮވިންސްގައި ކުރިމަތިލުންތައް ވެސް ހިނގި ކަމަށް ހަބަރުތައް ބުނެއެވެ.
މުޒާހަރާގައި މަރުވި މީހުންގެ ތެރޭގައި އާންމުންނާއި ބަސީޖް މިލިޝިއާގެ މެމްބަރުން ވެސް ހިމެނޭއިރު، މި ކުރިމަތިލުންތަކުގައި އިތުރު ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ސަރުކާރުން ތުހުމަތު ކުރަނީ މިއީ އިސްރާއީލުގެ ޖާސޫސުން އަޑީގައި ތިބެގެން އީރާނުތެރެ ގަޑުބަޑު ކުރުމަށް ފެށި މުޒާހަރާތަކެއް ކަމަށެވެ.
އީރާނުގެ ސަރުކާރުން ވަނީ ބައެއް ސަރަހައްދުތަކުގެ އިންޓަނެޓް ވެސް ކަނޑާލާފައެވެ.









