ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް ހަރަކާތްތެރިވި ހުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ހުސައިން ސަނީ އުމަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާއި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ނިންމަވާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ. އަދި ތަހުގީގުގައި ކުރަންހުރި މަސައްކަތްތަކަށް ރިއާޔަތްކޮށް އެ އޮފީހުން ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށެވެ.
ސަނީ އުމަރުގެ މައްޗަށް ކުރަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ދަ ޓްރެވެލް ގައިސްއިންވެސް ވަނީ ސަނީ އުމަރުގެ ހިއްސާ އަތުލައި، އެ ކުންފުނީގެ ހިންގުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ހާމަކޮށްފަ އެވެ.






