ޒަކާތު ގާނޫނަށް އަމަލުކުރަން ފަށައި، އިސްލާމިކް މިނިސްޓްރީގެ ދަށުން އިދާރާއެއްގެ ގޮތުގައި ހިންގަމުންދިޔަ ޒަކާތު ހައުސް އުވާލައްވައި "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި އާ ޒަކާތު ހައުސްއެއް ރައީސް ޑރ. މުއިއްޒު އެކުލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއީ ގާނޫނު ނަމްބަރު 2025/27 (ޒަކާތުގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ހ)ގެ ދަށުން އެމަނިކުފާނު ނިންމެވި ނިންމެވުމެކެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް މިއަދުން ފެށިގެން ވަނީ އުވާލައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ، އާ ގާނޫނުގެ ދަށުން އުފެއްދެވި ޒަކާތު ހައުސްއަކީ ވެސް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
އިސްލާމްދީނުގައި ޒަކާތް ޝަރުއުކުރައްވާފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޒަކާތުގެ ބިލު ތަސްދީގުކުރައްވާފައިވަނީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.
މި ފެށުނު އާ އަހަރާއެކު މި ގާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށް ރައީސް އޮފީހުން ވަނީ އިތުރަށް ބުނެފަ އެވެ.






