ސައިންސްވެރިން ބުނާ ގޮތުގައި 2026 ވަނަ އަހަރާއި އަހަރެމެން މި ބައްދަލުކުރީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނު ތިންއަހަރުގެ ތެރެއިން އެއްއަހަރު ތަޖުރިބާ ކޮށްފައެވެ. ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މި ވަނީ ކުރިން ހުރި މިންވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ މަތިވެފައެވެ. މޫސުމީ މައްސަލަ ތަކަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ވާއިރު ރާއްޖޭގެ ބުޑުގައި އޮތް ލަންކާ، އިންޑިއާ، އަވަށްޓެރި ޕާކިސްތާންގެ އިތުރުން އޮސްޓްރޭލިއާ، ބްރެޒިލް އަދި އެމެރިކާ ފަދަ ޤައުމުތަކުގައި މޫސުމާއި ގުޅުން ހުރި ހާދިސާ ތަކުގެ ސަބަބުން އެކަނި ވެސް މި ދިޔަ އަހަރު އިޤްތިޞާދީ ގޮތުން 120 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައި ވެއެވެ.

2025 ގައި ލަންކާ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ތޫފާނުގެ މަންޒަރެއް… މި އަހަރު ފެށީ އެ ގެއްލުންތަކުން ލަންކާ އަށް އަރައިގަނެވޭނެ ކޮޅުމައްޗެއް ނުފެނި.
2026 ވަނަ އަހަރަށް އަހަރެމެން ވަންނައިރު 2022 ގައި ފެށި ރަޝިޔާ އާއި ޔޫކްރޭން އާ ދެމެދު ކުރަމުންދާ ހަނގުރާމަ މިއޮތީ އަދިވެސް ހައްލު ނުކުރެވިއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގާއި ކާބޯތަކެތީގެ އަގު މިވަނީ ބޮޑުވެފައެވެ.
އަނެއްކޮޅުން މެދުއިރުމަތީގައި ހައްދުފަހަނަ އެޅި ޒައެނިސްޓުން މުސްލިމުންނާއި ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން ލައްކައެއްހާ މީހުން ޝަހީދުވެ، އިންސާނީ ކުއްލި ނުރައްކަލުގެ ޙާލަތު މި ވަނީ ކުރިމަތިވެފައެވެ.

ވީރާނާ ކޮށްލާފައިވާ ޣައްޒާގެ މަންޒަރެއް: 2026 ފެށިއިރު ޣައްޒާގެ 1.9 މިލިއަން މީހުން ވަންނާނެ ގެދޮރެއް ނެތް.
މި ފިނި މޫސުމާއި އެކު 2026 ވަނަ އަހަރު ފެށީ ޣައްޒާގެ ގިނަ ރައްޔިތުންނަށް ފިނިން ސަލާމަތްވާނޭ ގޮތެއް ވެސް ނެތިއެވެ.
މީގެ އިތުރުން ސޫދާން، ޔަމަން، ސީރިއާ، އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން 110 މިލިއަނަށްވުރެ ގިނަ މީހުން އެ ތިބީ މި އަހަރު ފެށުނު އިރު ވެސް ވަންނާނެ ގެދޮރެއް ނުލިބިފައެވެ. ރެފިއުޖީންނަށް ވެފައެވެ.
އަޅުގަނޑުމެން ތިންއިރު ކައިގެން ތިއްބަސް، މި އަހަރު މި ފެށީ 318 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކާނާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ. އޭގެތެރޭގައި ސޯމާލިއާ، އަފްޣާނިސްތާން، ހެއިޓީ އަދި ދެކުނު ސޫދާން ފަދަ ޤައުމުތައް ހިމެނެއެވެ.

ދެން އޮތީ އިޤްތިޞާދަށް އައި ހީނަރުކަމެވެ. މި އަހަރު ޤައުމުތަކުގެ އިންފްލޭޝަން މަތިވެ، ދަރަނި ބޮޑުވެ، ތަރައްޤީ ވެސް މަޑުޖެހޭއިރު އޭގެތެރޭގައި އާޖެންޓީނާ އާއި މިޞްރު އަދި ގާނާ ފަދަ ޤައުމުތައް ހިމެނެއެވެ. އަނެއްކޮޅުން ޖަރުމަނާއި ޗައިނާ، އަދި ޖަޕާން ފަދަ ބޮޑެތި އިޤްތިޞާދުތަކުގެ ދުވެލި މަޑުޖެހޭނެ ކަމަށް ވެއެވެ.
މި އަހަރާއި ކުރިމަތިލީ އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބަރ ޓެކްނޮލޮޖީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލިގެންކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ސައިބަރ އެޓޭކްތަކާއި، ޑިޖިޓަލް ސެކިއުރިޓީ އާއި ގުޅޭ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ޚާއްޞަކޮށް އެމެރިކާ އާއި ޗައިނާ އަދި ރަޝިޔާ ފަދަ ޤައުމުތަކަށް މި 2026 ވަނަ އަހަރަކީ ޕްރެޝަރުތައް އިތުރުވާނެ އަހަރެއް ކަމަށް މުޙައްލިލުން ދެކެއެވެ.






