މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް މި ފަހުން އައްޔަން ކުރެއްވި އިސްމާއިލް ސާޖިދު ސަސްޕެންޑް ކޮށްފިއެވެ.
އެނގިފައިވާގޮތުގައި ސާޖިދު ސަސްޕެންޑުކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. މަގާމުން ސަސްޕެންޑްކޮށް އޮފީހަށް ނުނިކުތުމަށް އޭނާއަށް ވަނީ ސިޓީއަކުން އަންގާފައެވެ. ނަމަވެސް ސާޖިދު ސަސްޕެންޑްކުރި މައްސަލައިގެ ފުރިހަމަ ތަފްސީލު އަދި ނުލިބެއެވެ.
ސާޖިދު އެ މަގާމަށް އައްޔަންކުރީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކްވެފައި ވަނިކޮށް, އެފްއައިޔޫގެ އޭރުގެ ވެރިއަކަށް އޭރު ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށްފައެވެ.
އެމްއެމްއޭއިން ބުނީ އެފްއައިޔޫގެ ވެރިއަކަށް ސާޖިދު އައްޔަންކުރީ އެ އިދާރާގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އަދި ކުރިން ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަގާމުގައި އަބްދުالله އަޝްރަފު، ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މަރުކަޒީ ބޭންކުގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިން އެންޑް ފިނޭންސިން އޮފް ޓެރަރިޒަމް އެކްޓް) އިން މެންޑޭޓްކޮށް ގާއިމުކޮށްފައިވާ އޮޕަރޭޝަނަލީ އިންޑިޕެންޑެންޓް ޔުނިޓެކެވެ. ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް އަށް ފިނޭންސްކުރުން ފަދަ ހަރަކާތްތަކަށް ފާރަވެރިވެ ތަހުލީލުކުރުމަށް އޮންނަ ޔުނިޓެކެވެ.






