ރޭޕްގެ މައްސަލައެއްގައި ދޮޅުއަހަރަށްވުރެ ގިނަ ދުވަހު ފިލައިގެން އުޅުނު ގދ. ވާދޫ/ ސަބާހީމަންޒިލް އިޒާމް ޒާހިރު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އިޒާމްގެ މައްޗަށް ތުހަމަތުކުރެވުނު މައްސަލައަކީ 2019 ވަަނަ އަހަރު ގދ. ވާދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ގަދަކަމުން ޖިންސީ އަނިޔާކޮށް ރޭޕްކުރި މައްސަލައެވެ. އެ މައްސަލައިގެ ޝަރީއަތަށް ޖުލައި 2024 އިން ފެށިގެން ކޯޓަށް އޭނާ ހާޒިރުކުރަން އެކި ފަހަރު މަތިން އިއުލާނުކޮށްގެންވެސް އެކަން ނުކުރެވި، ފުލުހުންނަށް އޭނާ ނުހޯދި، އެކަން މީޑިއާތަކުން ރިޕޯޓްކޮށް، އާންމުންގެ ސަމާލުކަން ލިބުނު ފަހުން، މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
އެ މައްސަލައިގެ ހުކުމް ކުރަން މިއަދު ހެނދުނު 10:00 ގައި ބޭއްވި އަޑުއެހުމަށް އިޒާމް ކޯޓަށް ހާޒިރުކުރެވުނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އޭނާ އުޅޭ ތަނެއް ނޭނގި، ކޯޓުގެ ޗިޓުތައްވެސް އޭނާއަށް މީގެކުރިން ރައްދުކުރެވިފައެއް ނުވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން މިއަދު ވަނީ އިޒާމްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވާކަމަށް ހުކުމްކޮށް، 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިފަދަ މައްސަލަތަކަކީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އަޑުއެހުންތަކަށް ނުވާތީ މައްސަލައިގެ ތަފްސީލެއް ނުލިބެއެވެ.






