ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު ޖަނަވަރީ 15 ގައި ހުޅުވާލަނީ

ހުސައިން އިސްމާއިލް | 25 ދުވަސް ކުރިން - 30 ޑިސެންބަރު 2025 12:13
ރައީސް ޑރ. މުޢިއްޒު: ޢާއިލީ ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެދުމުގެ މަތީން ކެބިނެޓާއި މަޝްވަރާކުރުމަށްފަހު ރައީސް ނިންމެވި ނިންމެވުމެއް
ރައީސް ޑރ. މުޢިއްޒު: ޢާއިލީ ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެދުމުގެ މަތީން ކެބިނެޓާއި މަޝްވަރާކުރުމަށްފަހު ރައީސް ނިންމެވި ނިންމެވުމެއް
ޚުލާސާ

"އާއިލީ ބޯހިޔާވަހިކަން" މި އުސޫލުގެ ދަށުން ގޯއްޗާއި ފުލެޓަށް ހުޅުވާލާފައިވަނީ ޖެނުއަރީ 15 އިން އޭޕްރީލް 14 އާއި ހަމަޔަށް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުގެތެރެއިން ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. 

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާއި އެ އުސޫލުތައް ޝާއިޢުކުރުމުން ގެދޮރުވެރިކަމާބެހޭ ވުޒާރާއަށް ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކުރުމަށް ފަހު ނިންމި ގޮތެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ އުސޫލު ތަކާއި އެއްގޮތަށް ގޯއްޗަށް އަދި ފުލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 1 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ވަނީ ހިމަނާފައެވެ. މިހާރު އިސްލާހް ގެނައި އުޞޫލްގައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން 2 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާނަމަ 3 ކޮޓަރީގެ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް ދިނުމަށް ނިންމާފައެވެ.

އުޞޫލްގައި ވާގޮތުން އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް، ނުވަތަ ގެއެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް އޮތް ނަމަވެސް، ބިމަށް ނުވަތަ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މައިގަނޑު 2 ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއް ވާނީ ހިމަނާފައެވެ. އެއި:

1. މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10000 ގޯތި؛

މި ގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ.

2. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3000 ގޯތި؛

މި ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

3. ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2000 ގޯތި


މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%